ކުޅިވަރު

ފަރިތަކުރުންތަކުގައި ވިކެޓް ކީޕަރަށް އަނިޔާވެއްޖެ


އިންޑިއާގެ އެއްވަނަ ވިކެޓް ކީޕަރު އަދި ބެޓްސްމަން ރިޝަބް ޕަންޓަށް އަނިޔާވެއްޖެއެވެ.

މި އަނިޔާގެ ސަބަބުން ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ބަނގްލަދޭޝްއާ ދެކޮޅަށް އޭނާ ފިޓްވާނެކަން ޔަގީނެއްނޫނެވެ.

ޕަންޓަށް އަނިޔާވީ އިންޑިޔާ ޓީމު ދުބާއީ އަށް ދިއުމަށް އިންޑިޔާއިން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގަ އެވެ. އައިސީސީ ޓްރޭނިން ދަނޑުގައި ކުޅެނިކޮށް އޭނާގެ ކަކުލަށް އަނިޔާވީ ހަރްޑިކް ޕަންޑަޔާ ޖެހި ބޯޅައެއް ވާތު ކަކުލުގައި ޖެހިފަ އެވެ. މިއާއެކު ދަނޑުމައްޗަށް ވެއްޓުނު ކުޅުންތެރިޔާ ކޮރު ޖަހަމުން ވަނީ ޗޭންޖިން ރޫމަށް ގޮސް ފަރުވާ ހޯދަން ފަށައިފަ އެވެ. ނަމަވެސް ފަހުން އޭނާ ބެޓް ކުރަން ނުކުމެ އުޅުނެވެ.

އިންޑިޔާގެ މީޑިއާތަކުން ބުނަނީ ޕަންޓްގެ ވާތު ކަކުލަކީ 2022 ވަނަ އަހަރު ކާރު އެކްސިޑެންޓެއްވެ ވަރަށް ބޮޑަށް ތަދުވެފައިވާ ކަކުލެއް ކަމަށެވެ. މިހެންވެ ކުޅުންތެރިޔާގެ ފިޓްނަސް ކަށަވަރު ކުރެވޭނީ މާދަމާގެ ޓެސްޓްތަކަށް ފަހު ކަމަށެވެ.

މި ހާދިސާއަށް ފަހު ޕަންޓް އާއި ހަރެޑިކް އެކަކު އަނެކަކާ ސަލާމްކޮށް، މަޖާކޮށް އުޅުނު ކަމަށް އިންޑިޔާގެ މީޑިޔާތަކުން ބުނެ އެވެ. މިހެންވެ މިއީ ޓީމުގެ ކޭމްޕް ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމުގެ ހެއްކެއް ކަމަށެވެ.

އިންޑިޔާއިން ބަނގަލްދޭޝްއާ ދެކޮޅަށް ކުޅެން ނެރޭނެ ކަމަށް ބެލެވޭ ވިކެޓް ކީޕަރަކީ ކޭއެލް ރާހުލް އެވެ. ނަމަވެސް އޭނާ އަކީ އިންޑިޔާ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ބޭނުން ނުކޮށް ބެންޗުގައި އިން ހަމައެކަނި ކުޅުންތެރިޔާ އެވެ.

ކޯޗު ގައުޓަމް ގަމްބީރް ބުނީ ރާހުލް އަކީ އެއްވަނަ ވިކެޓް ކީޕަރު ކަމަށާއި ޕަންޓަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

"މިވަގުތު އަހަރެންނަށް ބުނެވެން އޮތީ ރާހުލް އަކީ އެއްވަނަ ކަމަށް. ޕަންޓަށް ފުރުސަތު އޮންނާނެ. އޭނާގެ ވަގުތު ޖެހުމުން އޭނާ ކުޅޭނެ. އެކަމަކު މިވަގުތު ދެ މީހުން ކުރެ އަހަރެންގެ ނަޒަރުގައި މޮޅަށް ކުޅެނީ ރާހުލް. އަހަރުމެންނަށް ދެ ވިކެޓް ކީޕަރުން އެއް ފަހަރަކާ ނުކުޅެވޭނެ،" ކޯޗު ބުންޏެވެ.

މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.

މުބާރާތުގައި އިންޑިޔާ އާއި ޕާކިސްތާން ބައްދަލު ކުރާނީ މި މަހުގެ 23 ގަ އެވެ. ގްރޫޕުގެ ފަހު މެޗުގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅެނީ މާޗު މަހުގެ ދެ ވަނަ ދުވަހު އެވެ. މި މުބާރާތުގައި އިންޑިޔާގެ މެޗުތައް ކުޅޭނީ ދުބާއީގަ އެވެ. އެއީ އިންޑިޔާގެ ޓީމު ޕާކިސްތާނަށް ފޮނުވަން އިންޑިޔާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ.