ކުޅިވަރު

ސްލޮޓް ކުޅުންތެރިންނަށް ސެލިއުޓް ކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސް އަތުން 2-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވުމުން އެ ޓީމުގެ ކުޅުންތެރިންނަށް ކޯޗު އާނޭ ސްލޮޓް ސެލިއުޓް ކޮށްފިއެވެ.

ލުއިސް ޑިއާޒް އާއި މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ޕެނަލްޓީން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ސްލޮޓް ބުނީ މި މެޗުގައި މޮޅުވާންޖެހެނީ ކިހިނެތްކަން އޭނާގެ ކުޅުންތެރިން ދައްކައިދީފި ކަމަށެވެ. ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅުމުން ވަރަށް ބޮޑަށް ވަރުބަލިވެފައިވާއިރު އެކަން ގިނަ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިއުމުގެ ބަދަލުގައި ފެނުނީ އިތުރަށް ހިތްވަރުކުރިތަން ކަމަށެވެ.

"މުޅި މެޗަށް ބަލާނަމަ މެޗު ކުރިއަށް ދިޔަ ވަރަކަށް ހާއްސަކޮށް ފަހު ހާފުގައި އެމީހުން ދިޔައީ މިނިޓަކަށް ފަހު މިނިޓެއްގައި ކުޅުން ރަނގަޅު ކުރަމުން. އަހަރުމެން ދިޔައީ ފަހަތަށް. އެކަމަކު މެޗުން ތިން ޕޮއިންޓް ހޯދުމަށްޓަކައި އަހަރެންގެ ކުޅުންތެރިން ކުރި މަސައްކަތަށް އަހަރެން ސެލިއުޓް ކުރަން. މިއީ މެޗަކުން މޮޅުވާ ގޮތް ކަމަށްވަންޏާ އެކަން އެމީހުން ވަނީ ކޮށްފައި،" ސްލޮޓް ބުންޏެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ދެ ވަނާގައިވާ އާސެނަލް އަށްވުރެ ހަތް ޕޮއިންޓް ލީޑަކާއެކު އެއްވަނާގަ އެވެ.

ސްލޮޓް ބުނީ އާސެނަލް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި ހަތް ޕޮއިންޓްގެ ލީޑެއް އޮތް ނަމަވެސް އެއީ ފަރުވާ ކުޑަކޮށްލަންވީ ސަބަބެއް ނޫން ކަމަށެވެ.

"އަހަރެން ދެކެފިނަ މީގެ ކުރީ ސީޒަންތަކުގައި އާސެނަލް ޖެހިޖެހިގެން 15 މެޗުން ވެސް މޮޅުވިތަން. މި ސީޒަނުގައި ވަރަށް ގިނަ ބަޔަލު މިހާރު ހީކުރާނެ މިއީ ލިވަޕޫލް އާއި އާސެނަލްގެ ރޭހެއް ކަމަށް. އެކަމަކު މުޅިން އެގޮތަށް ވިސްނައިގެން ނުވާނެ. އަދި އާސެނަލް އަހަރުމެންނާ އަރާ ހަމަނުކުރާނެ ކަމަށް ވެސް ވިސްނައިގެން ނުވާނެ،" ކޯޗު ބުންޏެވެ.

ކޮންމެ ޓީމެއް މިހާތަނަށް 25 މެޗު ކުޅެފައިވާއިރު ލިވަޕޫލް އެއްވަނާގައިވަނީ 60 ޕޮއިންޓާއެކުގަ އެވެ. އާސެނަލް ދެ ވަނާގައިވަނީ 53 ޕޮއިންޓުންނެވެ. މިރޭ ލިވަޕޫލް އަތުން ބަލިވި ވުލްވްސް އޮތީ 19 ޕޮއިންޓާއެކު 17 ވަނާގަ އެވެ. މިއީ ރެލިގޭޝަން ޒޯނުގައިވާ އިސްޕިޗް ޓައުން އަށްވުރެ ދެ ޕޮއިންޓް ގިނަ އަދަދެކެވެ.

ސްލޮޓް ބުނީ ޕްރެމިއާ ލީގަކީ ވަރަށް ފިޒިކަލް އަދި ގިނަ ޓީމުތައް ވަރަށް ހަމަހަމަ ލީގަކަށްވުމުން ކޮންމެ މެޗަކީ ވެސް މިހާރު ފައިނަލެއް ކަމަށެވެ.