ކުޅިވަރު

ޔުނައިޓެޑް 15 ވަނައަށް، ކޯޗު އުއްމީދު ކަނޑާނުލާނެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ ތާވަލުގެ 15 ވަނައަށް މެންޗެސްޓާ ޔުނައިޓެޑް ވެއްޓުނު ނަމަވެސް، އަދިވެސް އަރައި ގަނެވޭނެކަމުގެ އުއްމީދުގައި ހުރި ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.

މެޗުގެ ހަމައެކަނި ގޯލު ޖެހީ 13 ވަނަ މިނިޓްގައި ޖޭމްސް މެޑިސަން އެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް ޓޭބަލުގެ 12 ވަނާގައިވަނީ 30 ޕޮއިންޓާއެކުގަ އެވެ. ޔުނައިޓެޑް 15 ވަނަ ވަނާގައިވަނީ 29 ޕޮއިންޓާއެކުގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަމޮރިމް ބުނީ ދެ ޓީމުގެ ތަފާތަކީ "އެމީހުން ގޯލު ޖެހުން" ކަމަށެވެ.
"މި މެޗުގައި ދެ ޓީމުގެ ހަމައެކަނި ތަފާތަކީ އެމީހުން ގޯލެއް ޖެހުން. އަހަރުމެންނަށް އެކަމެއް ނުވި. އަހަރުމެންނަށް ވަރަށް ރަނގަޅު ފުރުސަތު ލިބުނު. އެކަމަކު ފުޓްބޯޅައިގައި އެންމެ މުހިންމު ކަންތައް ކުރީ އެމީހުން،" އަމޮރިމް ބުންޏެވެ.

އޭނާ ބުނީ ރަން މާޒީ އެއް އޮތް ޔުނައިޓެޑްގައި އޭނާގެ ވަޒީފާ އޮތީ ވަރަށް އުނދަގޫކޮށް ކަމަށެވެ.

"މިތަނުގައި އަހަރެންގެ ވަޒީފާގައި މި އޮތީ މުޅިން ވެސް އުނދަގޫ ކަންތައްތައް. އަހަރެން އުފުލަން މިޖެހެނީ ވަރަށް އުނދަގޫ ކަންތައްތަކެއް. ވަރަށް ދަތި ދުވަސްތަކެއް ވޭތުވަމުން މިދަނީ. އެކަމަކު މިއީ އަހަރެންގެ ގަބޫލުކުރާ ގޮތްތައް ދޫކޮށްލާނެ ކަމެއްނޫން. އަހަރެންގެ ވިސްނުމަކީ ނަތީޖާ ރަނގަޅުކޮށް އަދިވެސް ކުރިއަރައި ދެވޭނެކަމަށް. އަހަރެން މަސައްކަތް ކުރަނީ އެކަންވޭތޯ،" ކޯޗު ބުންޏެވެ.

މިދިޔަ ނޮވެމްބަރު މަހު ޓީމާ ހަވާލުވި އަމޮރިމްގެ ކޯޗުކަމުގައި ޔުނައިޓެޑް މޮޅުވި މެޗުތަކަށްވުރެ ބަލިވި މެޗުތައް ގިނަ އެވެ. ނަމަވެސް ޓީމުގެ މެނޭޖްމަންޓުން އޭނާ އަދި އިތުބާރު ގެއްލުވާނުލަ އެވެ.

އަމޮރިމް ބުނީ ޔުނައިޓެޑް އަލުން ބިނާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ. އޭނާ ބޭނުންވާ ކުޅުންތެރިން ގެނެވެން އޮތީ މިހާރު ތިބި ބޭނުން ނުހިފޭ ގިނަ ކުޅުންތެރިންތަކެއް ވިއްކާލެވިގެންނެވެ. ސަބަބަކީ އެނޫނީ ޓީމުގެ މާލީ ހިސާބުތަކުން އެކަން ކުރުމަށް ފުރުސަތު ނެތުމުންނެވެ.

މި މޮޅަކީ ނަތީޖާ ދަށްވުމުގެ ސަބަބުން ޕްރެކްޝަރު ބޮޑުވެފައިވާ ޓޮޓެންހަމުގެ ކޯޗު އެންޖޭ ޕޮސްޓެޗެގްލޫ އަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މެޗުން ބަލިވިނަމަ އޭނާގެ މަގާމު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.