4 ލައްކަ ޑޮލަރުގެ ވީއައިޕީ ބޮކްސް ދޫކޮށްލައްވައި، ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗުގެ ގޮނޑި ބަރީގައި އިނދެގެން މެޗު ބައްލަވަން ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން މޮހްސިން ނަގްވީ ނިންމަވައިފިއެވެ.
މި މަހުގެ 23 ވަނަ ދުވަހު ދުބާއީގައި ޕާކިސްތާނާއި އިންޑިޔާ ކުޅޭ މެޗު ބައްލަވަން ދުބާއީން ވަނީ އޭނާ އަށް 30 ގޮނޑީގެ ވީއައިޕީ ބޮކްސްއެއް ހާއްސަ ކުރައްވައިފަ އެވެ. މި ބޮކްސްގެ އަގަކީ ހަތަރު ލައްކަ ޑޮލަރެވެ. ނަމަވެސް މޮހްސިން ނަގްވީ ދުބާއީގެ ކްރިކެޓް ބޯޑަށް އެންގެވީ އެމީހުން ބޭނުންވާ ގޮތަކަށް އެ ބޮކްސް ވިއްކާލުމަށެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ބުނަނީ މޮހްސިން ނަގްވީގެ މި ނިންމެވުމަކީ ޕާކިސްތާނުގެ ސަޕޯޓަރުންނާއި އޭނާއާ އޮތް ގާތް ގުޅުން ދައްކުވައިދޭ ނިންމުމެއް ކަމަށެވެ. އަދި މި ކަމުން އޭނާގެ ހިތްތިރިކަން ވެސް ދައްކުވައިދޭ ކަމަށެވެ.
ޕާކިސްތާނުގައި އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ޓްރޮފީ މުބާރާތް ފެށި ނަމަވެސް ދުބާއީގައި ކުޅެނީ އިންޑިޔާގެ މެޗުތަކެވެ. އެއީ އިންޑިޔާ ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވަން ނިންމުމުންނެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ވަނީ މި މުބާރާތުގެ ގަދަ މެޗުތަކުގެ އިތުރު ޓިކެޓްތަކެއް މިހާރު އާއްމުކޮށް ވިއްކަން ފަށައިފަ އެވެ. މީގެ ތެރޭގައި ގިނައީ އަގުބޮޑުކޮށް ވިއްކަން ފަހަށް ބަހައްޓާފައިވާ ޓިކެޓްތަކެވެ. މީގެ ތެރޭގައި ބަނގްލަދޭޝް އާއި އިންޑިޔާ އަދި ނިއުޒީލޭންޑާއި އިންޑިޔާ އަދި ޕާކިސްތާނާއި ބަނގްލަދޭޝް ކުޅޭ މެޗު ފާހަގަކޮށްލެވެ އެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.
ޕާކިސްތާނުން މުބާރާތް ފަށާނީ ކަރާޗީގެ ނެޝަނަލް ބޭންކް ސްޓޭޑިއަމުގައި މި މަހުގެ 19 ވަނަ ދުވަހު ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މި މެޗަށް ފަހު ޕާކިސްތާން ދަތުރުކުރާނީ މި މަހުގެ 23 ވަނަ ދުވަހު ދުބާއީ އަށެވެ. އެއީ އެންމެ ވާދަވެރި އިންޑިޔާއާ ދެކޮޅަށް ކުޅޭށެވެ. މި މުބާރާތުގައި އިންޑިޔާގެ މެޗުތައް ދުބާއީގައި ކުޅެނީ އެ ގައުމުގެ ޓީމު ޕާކިސްތާނަށް އައުމަށް އިންޑިޔާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ. ޕާކިސްތާން ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާވަލްޕިންޑީގައި ބަނގްލަދޭޝްއާ ދެކޮޅަށެވެ.