އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވެ، ތާވަލުގެ އެއްވަނަ މަގާމު ހޯދުމަށް އިންޓަރ މިލާނަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.
ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވުމާއެކު އެ ޓީމަށް ވަނީ 25 މެޗުން 46 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. އިންޓަރ މިލާނަށް 25 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ނަޕޮލީ އަށް 56 ޕޮއިންޓް ލިބިފައިވާއިރު މި މެޗުން އިންޓަރ މިލާން މޮޅުވިނަމަ އެ ޓީމަށް 57 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިގެންދާނެ އެވެ.
ސެރިއާގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން މި މެޗުން ބަލިވެފައިވާއިރު މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު ބަލިވި ދެވަނަ މެޗެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނިޓުގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދީފައިވަނީ ރަންޑަލް ކޯލޯ މުއާނީގެ އެސިސްޓަކުން ފްރެންސިސްކޯ ކޮންސެއިސާއޯ އެވެ.
ޔުވެންޓަސް އިން ލަނޑު ޖަހާ ކުރި ހޯދުމުގެ ކުރިން އިންޓަރ މިލާނުގެ މާކަސް ތުރާމް ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޔުވެންޓަސްގެ ގޯލުކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތު ލަނޑެއް ޖެހުމަށް އިންޓަރ މިލާނުން ގިނަ މަސައްކަތްތަކެއްކުރި ނަމަވެސް އެ ޓީމަށް ވަނީ އެކަން ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ސެރިއާގައި މިހާތަނަށް 25 މެޗުން ކުޅެފައިވާއިރު ޔުވެންޓަސް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މިހާރު އެ ޓީމުގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕިއެސްވީ އާއި ދެކޮޅަށް ކުޅޭ ޕްލޭއޮފްގެ ދެވަނަ ލެގުގެ މެޗަށެވެ. މި ހަފްތާގައި ކުޅޭ މި މެޗަށް އެ ޓީމުން ތައްޔާރުވަމުންދާއިރު ފުރަތަމަ ލެގުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ވަނީ މޮޅުވެފަ އެވެ.