ޚަބަރު

ފާޑުކިޔުންތަކަށް ރައްދު ދޭނީ ދަނޑު މަތިން: މެޑިސަން


ޓޮޓްނަމް ހޮޓްސްޕަރގެ މިޑްފީލްޑަރ ޖޭމްސް މެޑިސަން އަށް ފާޑުކިއުންތައް އަމާޒުވެފައިވީ ނަމަވެސް އެކަމަށް ރައްދު ދޭނީ ދަނޑު މަތިން ކަމަށް އޭނާ ބުނެފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ރޭ ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުން 1-0 އިން ޓޮޓްނަމް މޮޅުވިއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޑިސަން އެވެ.

މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މެޑިސަން ބުނެފައިވަނީ މި ހަފްތާއަކީ ދަނޑުން ބޭރުގައި ތަންކޮޅެއް އަޑުގަދަ ދުވަސްކޮޅެއް ކަމަށެވެ.

"މި ހަފްތާއަކީ ދަނޑުން ބޭރުގައި ތަންކޮޅެއް އަޑުގަދަ ދުވަސްކޮޅެއް. ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ހިޔާލު ފާޅު ކުރެވޭނެ ނަމަވެސް އަހަރެން އެކަމުގައި ބުނާނެ އިތުރު އެއްޗެއް ނެތް. އަހަރެން ކުރާކަމެއް ކުރާނީ ދަނޑު މަތީގައި." އެއްވެސް މީހެއްގެ ނަން ހާމަނުކޮށް މެޑިސަން ބުންޏެވެ.

"މެންޗެސްޓަރ ޔުނައިޓެޑް އަތުން ޓޮޓްނަމް މޮޅުވި ލަނޑު އަހަރެންގެ ފަރާތުން ފެނުނީމަ އެކަން ފާހަގަ ކުރާނީ މަދު ބައެއް ކަންނޭނގޭ" މެޑިސަން އިތުރަށް ބުންޏެވެ.

މި މެޗުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޯއި ކީން ބުނެފައިވަނީ ލެސްޓަރ ސިޓީވެސް ރެލިގޭޓް ވެފައިވަނީ މެޑިސަން އާއިއެކު ކަމަށާއި އެހެންކަމުން ޓޮޓްނަމްވެސް އޭނާ އާއިއެކު ރެލިގޭޓް ވާނެ ކަމަށެވެ.

އަދި މެޑިސަން އަކީ ހުނަރުވެރި ކުޅުންތެރިއެއް ނަމަވެސް އޭނާއަށް ޓޮޓްނަމް އަށް ރަގަޅު ކާމިޔާބީތަކެއް ހޯދައިދެވޭނެކަމަށް ބައެއް ފަރާތްތަކަށް ގަބޫލުކުރެވުނު ނަމަވެސް އެއީ ކުށްހީ އެއް ކަމަށްވެސް ކީން ވަނީ ބުނެފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ޔޫރޮޕާ ލީގުގައި ހޮފެންހޭމް އާއި ދެކޮޅަށް ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް ރޭގެ މެޗުގައި ޖެހި ލަނޑަކީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުން އޭނާ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ޕޮސްޓެކޮގްލޫ ބުނެފައިވަނީ މެޑިސަން އަލުން އެނބުރި ޓީމާއި ގުޅިފައިވާ ކަމީ އޭނާގެ އިތުރުން ޓީމަށްވެސް ލިބިފައިވާ އިތުރު ހިތްވަރެއް ކަމަށާއި އަދި އޭނާގެ ފަރާތުން އެކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.