ކުޅިވަރު

ރެއާލް މެޑްރިޑް އަތުން މޮޅުވާނެތަ؟ އޮތީ އެންމެ އެއް އިންސައްތައެއްގެ ޔަގީންކަން


ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަތުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ މޮޅުވާނެ ކަމުގެ އޮތީ އެންމެ އިންސައްތައެއްގެ ޔަގީންކަން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކޯޗު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސިޓީގެ ކޯޗު ގާޑިއޯލާ މިހެން ބުނީ މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ސިޓީގެ ދަނޑުގައި ރެއާލް ފަހަރުން އަރައި 3-2އިން މޮޅުވެފައިވާތީ އެވެ.
މިހެންވެ މުބާރާތުގެ ގަދަ 16 އަށް ސިޓީ އަށް ދެވޭނީ މިރޭ ރެއާލް ބަލިކޮށްގެން އެކަންޏެވެ.

ނަމަވެސް ގާޑިއޯލާ ބުނީ ދެ ކުލަބުގެ މިހާރުގެ ފެބްވަރާއި ފޯމަށް ބަލާއިރު ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ބަލިކުރުމުގެ ފުރުސަތު އޭނާގެ ޓީމަށް ކުޑަކަމަކަށެވެ.

"ރެއާލްގެ ދަނޑުގައި އެމީހުން ބަލިކުރުން އެއީ ވަރަށް އުނދަގޫ ކަމެއްކަން އެންމެނަށް ވެސް އެނގޭ. އަމުދުން އެމީހުން އެއް ލަނޑުން ކުރީގައި އޮންނައިރު. އަހަރުމެން އެ މެޗު ކުޅެން ދާނީ އެންމެ ޕަސެންޓެއްގެ ޔަގީންކަމާއެކު. ދެން އެހެންނޫނީ ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭނގެ. މިއަށްވުރެ ފުރުސަތު ބޮޑު ކަމަށް ބެލެވޭނަމަ އަހަރެން އަދިވެސް ބުނާނީ އެއީ ވަރަށް ހަނި ޗާންސެކޭ،" ގާޑިއޯލާ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ކިރިޔާ ވެސް ފުރުސަތެއް އޮތްނަމަ އެކަމަށް މަގު ފަހި ކުރުމަކީ ނެތް ކަމެއްނޫން ކަމަށެވެ.

"އަހަރުމެން ކުޅޭނީ އަހަރުމެންގެ ގޭމު. އަހަރުމެން ބަލާނީ އަހަރުމެންގެ ސްޓައިލްގައި ކުޅެން. ވަކި ހާއްސަ ކަމެއް މި މެޗުގައި ނޯންނާނެ. އެކަމަކު މި ސީޒަނުގައި އަހަރުމެން މި ދައްކާ ކުޅުމަށް ބަލާއިރު އަހަރުމެން އަނެއް ބުރަށް ދިއުމަކީ ވަރަށް ނާދިރު ކަމެއް. މި ސީޒަނުގައި އަހަރުމެން ނެރެމުން މިދަނީ ވަރަށް ދަށް ނަތީޖާތަކެއް. ކުޅުން ވެސް އެހާމެ ގޯސް،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެފައިވީ ނަމަވެސް ސިޓީގެ ނަތީޖާތައް މި ސީޒަނުގައި މާބޮޑަށް ދަށްވުމުގެ މައިގަނޑު ސަބަބަކީ އެއް ފެންވަރެއްގައި ނުކުޅެވުމުން ކަމަށެވެ.

"އެއް މެޗަކަށް ބަލާނަމަ، ހޮނިހިރު ދުވަހު ވަރަށް ރަނގަޅަށް ކުޅެފާނެ. އެކަމަކު ޖެހިގެން އަންނަ މެޗުގައި ކަންތައްތައް ވާގޮތުން ސިޓީ އެންމެ މެޗެއްގައި މޮޅަށް ކުޅުނަސް ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗާމެދު މާބޮޑަށް އުއްމީދު މަތި ކުރުމަކީ ގޯހެއް،" ކޯޗު ބުންޏެވެ.

މި މެޗު ފަށާނީ މިރޭ ދަންވަރު އެވެ.