502 ދުވަސް ފަހުން ބްރެޒިލްގެ ފޯވާޑް ނޭމާ، ސަންޓޯސްއަށް ލަނޑެއް ޖަހައިފިއެވެ. ބްރެޒިލްގެ ސަންޓޯސް އަށް މިދިޔަ ޖެނުއަރީ މަހު ބަދަލު ފޯވަޑް ލަނޑު ޖަހައިދިނީ ބްރެޒިލްގެ ހަތަރުވަނަ ޑިވިޝަނުގެ ޓީމެއްގެ ކޮޅަށް ލިބުނު ޕެނަލްޓީ އަކުންނެވެ.
އުމުރުން މިހާރު 33 އަހަރުގެ ކުޅުންތެރިޔާ އެންމެ ފަހުން ވާދަވެރި މެޗެއްގައި ގޯލެއް ޖެހީ މިދިޔަ އޮކްޓޫބަރު މަހު ސައޫދީ ޕްރޯ ލީގުގަ އެވެ. އެއީ އަލް ހިލާލް އާއި އެފްސީ ނައްސާޖީ ކުޅުނު މެޗުގަ އެވެ.
އަލް ހިލާލްއާއެކު ނޭމާ މީގެ ދެ އަހަރު ކުރިން ހެދި އަގުބޮޑު ކޮންޓްރެކްޓް އޭނާ ބުނާ ގޮތުން ބާތިލް ކުރީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުންނެވެ. އޭނާ ކުޑައިރު ކުޅުނު ކުލަބު ސަންޓޯސް އަށް ބަދަލުވީ ފުރިހަމަ ފިޓްނަސް އަށް އެނބުރި އައުމަށާއި ޔޫރަޕުގެ ބޮޑު ޓީމަކަށް ކުޅެވޭ ވަރަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިހެންވެ ސަންޓޯސްއާއެކު އޭނާ ހަދާފައިވަނީ ހަ މަސް ދުވަހުގެ އެއްބަސްވުމެކެވެ.
މިހާތަނަށް ސަންޓޯސް އަށް ކުޅެދިން ހަތަރު މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗުގައި ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ކިރިޔާ ވެސް ރަނގަޅު ކުޅުމެއް ދެއްކީ އިއްޔެ ކުޅުނު މެޗުގަ އެވެ.
ޔޫރަޕުގެ ބައެއް މީޑިއާތަކުން ބުނަނީ ނޭމާ މަސައްކަތް ކުރަނީ އަލުން ސްޕޭނުގެ ބާސެލޯނާ އަށް ބަދަލުވުމަށެވެ. އެކުލަބުގެ ރައީސް ޖޯން ލަޕޯޓާ އާއި ނޭމާއާ ދެމެދު ދެކެވުނު ވާހަކަތަކަށް ފަހު އެއްބަސްވެވިފައިވަނީ ބާސެލޯނާ ހިތްހަމަޖެހޭ ފަދަ ކުޅުމެއް ސަންޓޯސްގައި ދެއްކިއްޖެނަމަ ބާސެލޯނާއިން އޭނާ އަށް ފުރުސަތު ދިނުމަށް އެކުލަބުން ވިސްނާ ގޮތަށެވެ.
ނޭމާ އަކީ ދުނިޔޭގެ ރެކޯޑް ފީ އަކަށް ބާސެލޯނާގެ ނުގަބޫލުގައި ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ކުޅުންތެރިއެކެވެ.