މާދަމާ ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް އެ ގައުމު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބުނެފިއެވެ.
އެ ބޯޑުގެ ޗެއާމަން އަދި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރ މޮހްސިން ނަގްވީ ވިދާޅުވީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ވަނީ މުބާރާތަށް ޕާކިސްތާނުން ތައްޔާރުކުރި ސެކިއުރިޓީ ޕްލޭނާއި ޕްރޮޓޮކޯލްތައް ބަލައިގެންފައި ކަމަށެވެ.
"ޕާކިސްތާން މިވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި. އައިސީސީގެ ކޮންމެ އިވެންޓެއްގައި އޮންނަ ފަދައިން މުބާރާތް ބާއްވާ ގައުމުން ހުށަހަޅަން ޖެހޭ ސެކިއުރިޓީ ޕްލޭން އަހަރުމެން ވާނީ ހުށަހަޅާފައި. އެ ޕްލޭން އައިސީސީގެ ސެކިއުރިޓީ ތަޖުރިބާކާރުން ބަލާފައި ވަނީ ވަރަށް ރަނގަޅު ކަމަށް ބުނެފައި. މި ޕްލޭން އައިސީސީ އަށް ހުށަހެޅީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު،" ނަގްވީ ވިދާޅުވި އެވެ.
މި ޕްލޭނުގައި ވަނީ ޕާކިސްތާނުން ސެކިއުރިޓީ ފޯރުކޮށްދެން ގޮތްތަކާއި ކުޅުންތެރިންނާއި ޓީމުތަކާއި އޮފިޝަލުންނާއި ސަޕޯޓަރުންނަށް ސެކިއުރިޓީ އާއި ޕްރޮޓޮކޯލް ހަމަޖައްސާފައި ހުންނާނެ ގޮތްތެކެވެ. ނަގްވީ ވިދާޅުވީ ދުނިޔޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންނަށް ޕާކިސްތާނުގެ މެހުމާންދާރީ އަދާކުރާނެ ގޮތާއި ސަލާމަތީ ކަންކަން ހަމަޖައްސާފައިވާ ގޮތް އައިސިސީ އަށް ވަރަށް ކަމުދިޔަ ކަމަށެވެ.
"މި ޕްލޭނުގައި ވާނީ ކުޅުންތެރިންނާއި ޓީމުތަކަށް ރައްކާތެރިކަން ހޯދާދީފައި. މިއީ 1996ގެ ފަހުން އައިސިސީގެ އިވެންޓެއް ޕާކިސްތާނުގައި ބާއްވާ ފުރަތަމަ ފަހަރު. މިކަމަށް ތައްޔާރުވުމަށް ޕާކިސްތާން ސުޕަ ލީގުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. އަދި ސުޕަ ލީގުގައި ކުޅެން އިންޑިޔާ ފިޔަވައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އައިސްފައިވާތީވެ އެއީ ޕާކިސްތާނަށް ކަންކަން ތަރުތީބު ކުރަން ލިބުނު ވަރަށް ރަނގަޅު ތަޖުރިބާކަށްވި،" ނަގްވީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މުބާރާތަށް ދަނޑުތައް ތައްޔާރު ކުރުމަށާއި މުޅި ގައުމުގެ މުބާރާތަށް ހާއްސަވެ، ކާމިޔާބު ކަމާއެކު ޗެމްޕިއަންސް ޓްރޮފީ މުބާރާތް ނިންމާލަން ޕާކިސްތާނުގެ ސަރުކާރާއި ފެޑަރަލް ސަރުކާރުތަކާއި ޕްރޮވިންސްތަކާއި އެންމެހާ އިދާރާތަކުގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.
އައިސީސީ އިން ވެސް ޕާކިސްތާނުގެ ދަނޑުތަކުގެ ތައްޔާރުވުންތައް ދެކިފައި ވަރަށް ބޮޑަށް ޕާކިސްތާނަށް ތައުރީފް ކޮށްފަ އެވެ. ހާއްސަކޮށް ގައްދާފީ ސްޓޭޑިއަމް 117 ދުވަހުގެ ތެރޭގައި މަރާމާތުކޮށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު އެކަމުގެ ފުރިހަމަކަން އައިސީސީން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.
މުބާރާތުގައި އިންޑިޔާ އާއި ޕާކިސްތާން ބައްދަލު ކުރާނީ މި މަހުގެ 23 ގަ އެވެ. ގްރޫޕުގެ ފަހު މެޗުގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅެނީ މާޗު މަހުގެ ދެ ވަނަ ދުވަހު އެވެ. މި މުބާރާތުގައި އިންޑިޔާގެ މެޗުތައް ކުޅޭނީ ޑުބާއީގަ އެވެ. އެއީ އިންޑިޔާގެ ޓީމު ޕާކިސްތާނަށް ފޮނުވަން އިންޑިޔާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ.