ޚަބަރު

ބާސެލޯނާ މޮޅުވެ ތާވަލުގެ އެއްވަނައަށް


ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ މަގާމު ބާސެލޯނާއިން ހޯދައިފިއެވެ.

މި މެޗުން ބާސެލޯނާ ހަނިގޮތަކަށް މޮޅުވެފައިވާއިރު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން 51 ޕޮއިންޓާއެކު ތަވާލުގެ އެއްވަނަ މަގާމު ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށްވެސް 24 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާއަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މި ހަފްތާގައި ރެއާލް މެޑްރިޑްގެ އިތުރުން ތިންވަނައިގައި މިވަގުތު އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗުންވެސް އެއްވަރުވެފައިވާތީ މި ދެ ޓީމަށްވެސް ވަނީ ޕޮއިންޓުތަކެއް ގެއްލިފަ އެވެ

ބާށެލޯނާގެ ދަނޑުގައި ސާޅީސް ފަސްހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 28 ވަނަ މިނިޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީ އަކުން ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ ލީގުގައި މި ސީޒަނުގައި ލެވަންޑޯސްކީ ޖެހި 20 ވަނަ ލަނޑެވެ.

މި މެޗުގައި ވަޔެކާނޯ އަށް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބިފައިވާކަން ފާހަގަ ކުރެވެ އެވެ. އޭގެ ތެރެއިންވެސް ޖޯޖް ޑި ފްރޫޓޮސް ޖެހި ބޯޅައެއް ބާސެލޯނާގެ ގޯލުގެ ތެރެއަށް ވަން ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެ ޓީމަށް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ބޯޅަ ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.