ގދ.ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫޢަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023ވަނަ އަހަރުއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން 90 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 625 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ބަހައްޓާފައިވާ ކަމަށެވެ. އަދި 10 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވަރކަކާއި 13 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކަކާއި 3 ޕަންޕިން ސްޓޭޝަނާއި 25 ކިލޯވޮޓުގެ ސޯލަރ ޕެނަލް ޤާއިމްކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ މިހާރު ކުރަމުންދަނީ ޚިދުމަތް ދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުގެ ގޮތުންކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި ޓްރަޔަލް ޕީރިއަޑްގެ ދަށުން މިހާރު ޚިދުމަތް ދެމުންގެންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި ޕީރިއަޑްގެ ދަށުން ޚިދުމަތް ދެމުންގެންދަނީ މި މަހުގެ 26ވަނަ ދުވަހާ ހަމައަށެވެ.
ގދ. ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ އަދާހަމަ pic.twitter.com/JyUEv47n9A
— Ministry of Construction, Housing & Infrastructure (@MoCImv) February 18, 2025
ފަރެސްމާތޮޑާގެ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ޓްރެވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކުއެވެ.
ފަރެސްމާތޮޑާގެ އިތުރުން ލ. އިސްދޫއާއި ލ. ގަމުގެ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްވެސް މި މަހުގެ ތެރޭގައި ވަނީ ނިންމާލައިފައެވެ.