ކުޅިވަރު

އިތުބާރު ކުރާތި، އަބަދު ބައްޔެއް ނުވާނެ: ޕާކިސްތާން ކެޕްޓަން


އަމިއްލަ ގައުމުގައި މިއަދު ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ވާދަކުރާ ޕާކިސްތާނުގެ ޓީމަށް ރައްޔިތުންނާއި ސަޕޯޓަރުން އިތުބާރުކޮށްދިނުމަށް ކެޕްޓަން މުޙައްމަދު ރިޒްވާން އެދެފިއެވެ. އޭނާ މި ފަދައިން އެދުނީ މުބާރާތަށް ތައްޔާރުވާން ޕާކިސްތާނުގައި ކުޅުނު ޓްރައި ނޭޝަން މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ޕާކިސްތާން ބަލިވެފައިވާތީ އެވެ.

1996ގެ ފަހުން އަމިއްލަ ގައުމުގައި ކުޅޭ ފުރަތަމަ ބޮޑު މުބާރާތަށް ޕާކިސްތާން ކުރިމަތިލަނީ ތަށި ދިފާއު ކުރުމަށެވެ. ނަމަވެސް މި ފަހަކަށް އައިސް އެ ގައުމުން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން ޓީމާމެދު ސަޕޯޓަރުންގެ މާބޮޑު އިތުބާރެއް ނެތެވެ.

ނަމަވެސް ރިޒްވާން ބުނީ ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. ޕާކިސްތާނުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ނިއުޒީލޭންޑާ އެވެ. ޓްރައި ނޭޝަންގައި ޕާކިސްތާނުން ނިއުޒީލޭންޑާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

"މި މުބާރާތަކީ 29 އަހަރު ފަހުން ޕާކިސްތާނުގައި ބާއްވާ ދުނިޔެގެ ފެންވަރުގެ ފުރަތަމަ މުބާރާތް. ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މިކަމާ އުފާވެފައި. އަހަރުމެންގެ ކުޅުމާމެދު އެއްވެސް މީހަކު ޝައްކު ކުރާނެ ޖާގައެއް ނޯންނާނެ. އަހަރުމެން މިވަނީ ހެދުނު ގޯސްތައް ފާހަގަކޮށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އަބަދު ބައްޔެއް ނުވާނެ. އަހަރުމެން އިރާދަ ކުރެއްވިއްޔާ މި މެޗުގައި މޮޅު ކުޅުމެއް ދައްކާނަން،" ރިޒްވާން ބުންޏެވެ.

އޭނާ ބުނީ ހުރިހާ ކުޅުންތެރިންގެ އަޒުމަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.
"އަހަރުމެން އެންމެންގެ ވެސް ފޯކަސް އަކީ މުބާރާތް ކާމިޔާބު ކުރުން. އަހަރުމެގެ ގައުމާއި ރައްޔިތުންނަށް ޓަކައި މި ތަށި މިއީ ވަރަށް މުހިންމު އެއްޗެއް. އެމީހުން ބޭނުންވާ ނަތީޖާ ހާސިލް ކުރަން އަހަރުމެން މި ތިބީ ތައްޔާރަށް،" ރިޒްވާން ބުންޏެވެ.

މި މެޗަށް ފަހު ޕާކިސްތާނުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިޔާއާ އެވެ. ޕާކިސްތާނުގައި މުބާރާތް ބޭއްވި ނަމަވެސް މި މެޗު ކުޅޭނީ ދުބާއީގަ އެވެ. އެއީ ސިޔާސީ އަރައިރުމުގެ ސަބަބުން ޕާކިސްތާނަށް އިންޑިޔާ ޓީމު ނުފޮނުވަން އެ ގައުމުން ނިންމުމުންނެވެ. ގްރޫޕް ސްޓޭޖުގައި ޕާކިސްތާނުގެ ފަހު މެޗުގައި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބައްދަލުކުރާނީ ބަނގްލަދޭޝްއާ އެވެ.

މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.