އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ އަދި އިތުބާރު ބެޓްސްމަން ވިރާޓް ކޯލީއަކީ މިޒަމާނުގެ ކްރިކެޓްގެ އެންމެ އަލިގަދަ އެއް ތަރިއެވެ. އުމުރުން މިހާރު 36 އަހަރުގެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.
އޭނާގެ 17 އަހަރުގެ ދިގު ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ 2023 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕުގައި ހެދި ސައްތަތަކެވެ. އެ މުބާރާތުގައި އޭނާ ވަނީ އެއް ދުވަހުގެ ކްރިކެޓްގައި އިންޑިޔާގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރަށްވުރެ ގިނަ އެއް ދުވަހުގެ މެޗުތަކުގައި ގިނަ ސައްތަ ހެދި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ޕާކިސްތާނުގައި މިއަދު ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަކީ ޓެންޑުލްކަރުގެ އަތުގައިވާ މުހިންމު އެހެން ރެކޯޑެއް އަތުލައިގަންނަން ވިރާތަށް ލިބިފައިވާ ފުރުސަތެކެވެ. އެއް ދުވަހުގެ މެޗުތަކުގައި ޓެންޑުލްކަރު މިހާތަނަށް ހަދާފައިވަނީ 14000 ލަނޑެވެ.
ވިރާތު މިހާރު ޖުމްލަ 285 މެޗުން ހެދިފައިވަނީ 13963 ލަނޑެވެ. މިހެންވެ ޓެންޑުލްކަރު ފަހާލަން ވިރާތަށް މިހާރު ބޭނުންވަނީ އެންމެ 37 ލަނޑެވެ. މިއާއެކު އެންމެ އަވަހަށް 14000 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު ވެސް އޭނާ އަށް ވަނީ ހުޅުވިފަ އެވެ. މިއީ ވެސް ޓެންޑުލްކަރުގެ އަތުގައި އޮތް ރެކޯޑެކެވެ. އޭނާ 14000 ލަނޑު ހަމަކުރީ 350 މެޗުންނެވެ. ސްރީލަންކާގެ ކުމާރު ސަންގަކަރާ މި އަދަދު ހަމަކުރީ 378 މެޗުންނެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒިލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްޣާނިސްތާނާއި އިންގްލޭންޑެވެ.
މިހެންވެ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި އިންޑިޔާއިން ގްރޫޕް ސްޓޭޖުގައި ތިން މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ބަނގްލަދޭޝްއާއި ދެކޮޅަށެވެ. އެއަށްފަހު މި މަހުގެ 23ގައި ކުޅޭނީ ޕާކިސްތާނާ އެވެ. ފަހު މެޗުގައި އިންޑިއާއިން ނިއުޒިލޭންޑާއި ދެކޮޅަށް ކުޅޭނީ މި މާޗު މަހުގެ 2 ވަނަ ދުވަހުއެވެ.