ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ޕާކިސްތާނުގައި މިއަދު ފަށާއިރު، ނިއުޒިލެންޑް ޓީމަށް އަނިޔާގެ މައްސަލަތައް ބޮޑުވެއްޖެއެވެ.
މުބާރާތް ބާއްވާ ގައުމު ޕާކިސްތާނާއި ދެކޮޅަށް ނިއުޒިލޭންޑް މިއަދު ނުކުންނައިރު ބާރު އުކުންތެރިޔާ ލޮކީ ފާގަސަން އަށް މުބާރާތުގައި ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އަދި ޒުވާން ބެޓްސްމަން ރަޗިން ރަވިންދްރާއަށް ވެސް ކުޅެވޭނެކަން ޔަގީނެއްނޫނެވެ. އޭނާއަށް ވަނީ އަނިޔާވެފަ އެވެ.
ނަމަވެސް ނިއުޒިލޭންޑް ވަނީ މުބާރާތަށް ތައްޔާރުވާން ކުޅުނު ޓްރައި ނޭޝަން މުބާރާތުގައި ދެ ފަހަރެއްގެ މަތިން ޕާކިސްތާން ބަލިކޮށްފަ އެވެ. މިހެންވެ އެމީހުންގެ އިތުބާރު ބޮޑެވެ.
ޕާކިސްތާނުގެ ޓީމަށް ބަލާއިރު ބުރަކި އުކުންތެރިއަކަށް ޓީމުގައި ހުރީ އަބްރާރު އަހުމަދު އެކަންޏެވެ. މިއީ މައްސަލައެއް ކަމަށް ދެކޭ މީހުން މަދެއްނޫނެވެ. މީގެ އިތުރުން ޕާކިސްތާނުގެ ބެޓިން އޯޑަރާ މެދު އަދިވެސް ގޮތެއް ނުނިމެ އެވެ. ބާބަރް އަޒަމް އާއި ފަހްރުއްޒަމާނާއި ކެޕްޓަން މުހައްމަދު ރިޒްވާން ކުރެ ފުރަތަމަ ނުކުންނާނެ ދެ ކުޅުންތެރިންނާމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ.
ނިއުޒިލޭންޑް ޓީމުގައި އެންމެ ވަރުގަދަ އެއް ޑިޕާޓްމަންޓަކީ އުކުންތެރިންނެވެ. ކޭން ވިލިއަމްސަން އާއި ޑަރީލް މިޓްޗެލް އާއި ރަޗިން ރަވިންދްރާ އާއި ޓޮމް ލަތަމް އަދި ގްލެން ޕިލިޕްސް އަކީ ފޯމުގައި ތިބި ކުޅުންތެރިންނެވެ.
ބެޓްސްމަނުންނަށްވުރެ ބޮޑަށް ޕާކިސްތާނުގައި ވެސް ގަދައީ އުކުންތެރިންނެވެ. އަބަދުވެސް ވަރުގަދަ އުކުންތެރިން ތިބޭ ޕާކިސްތާން ޓީމުގައި ޝާހީން ޝާހް އަފްރީދީ އާއި ނަސީމް ޝާހާއި ހާރިސް ރައޫފް އަދި މުހައްމަދު ހަސްނައިން އަކީ އެންމެ އިތުބާރު އުކުންތެރިންނެވެ.
މި ދެ ގައުމު ވަނީ މިހާތަނަށް އެއް ދުވަހުގެ 118 މެޗު ކުޅެފަ އެވެ. މީގެ ތެރެއިން 61 މެޗުން ޕާކިސްތާން މޮޅުވެފައިވާއިރު ނިއުޒިލޭންޑް މޮޅުވީ 53 މެޗުންނެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒިލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.