ޚަބަރު

އޮޕަރޭޝަން ކުރަނގިއަށް މައުލޫމާތު ނުދޭ ބިދޭސީން ޑިޕޯޓްކުރަން ނިންމައިފި


  • 20 އެޕްރީލްގެ ކުރިން މަޢުލޫމާތު ހިއްސާ ނުކުރާ ބިދޭސީން ޑީޕޯޓް ކުރާނެ

  • ރަށްރަށުގެ ކައުންސިލް އިދާރާތަކާއި ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފައި

އޮޕަރޭޝަން ކުރަނގި ނަމުގައި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބަޔޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނުވަތަ ފޮޓޯ އަދި އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައި ހުރި ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ މިއަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަސް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ހިއްސާ ނުކުރާ ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓްކޮށްލާނެ ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތް އަތޮޅުތަކުގައި ކުރަމުންދަނީ ކައުންސިލްތަކާއި ގުޅިގެންނެވެ. މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި މިމަސައްކަތް މާރިޗު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ނިންމާލުމަށް އެވުޒާރާއިން ވަނީ އަންގާފައެވެ. އެހެން ކަމުން ވަޒީފާ ދޭ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލާއި ގުޅިގެން މިމަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ރިސޯޓުތަކާއި ސަފާރީތަކާއި، ސިނާޢީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ މައުލޫމާތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގައި ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރަށް ނުވަތަ އެނޫންނަމަ އެ ބިދޭސީއެއް މަސައްކަތް ކުރާ ސައިޓަކާއި އެންމެ ކައިރި ކައުންސިލް އިދާރާއަކާއި ގުޅިގެން އެމަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިމުއްދަތުގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ހިއްސާ ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމުގެ އިންޒާރު ދާޚިލީ ވުޒާރާއިން ވަނީ ދީފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މިއޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 25483 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.