ކުޅިވަރު

63 މިލިޔަން ރުފިޔާގެ ބަޖެޓެއް އެމްއޯސީން ފާސްކޮށްފި


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މި އަހަރަށް 63 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

އެމްއޯސީގެ އަހަރީ އާއްމު ޖަލްސާގައި ރޭ ފާސްކުރެވިގެންދިޔަ ބަޖެޓުގެ ބޮޑުބައެއް ކަނޑައެޅިފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 3 ގޭމްސްއަށެވެ. މިގޮތުން 50 މިލިއަން ކަނޑައެޅިފައިވަނީ މިލިއަން ރުފިޔާ އަކީ އިންޓަރނޭޝަނަލް ގޭމްސްތަކުގައި ބައިވެރިވުމަށް ހިނގާ ހަރަދުތަކާއި އެހެނިހެން ކުޅިވަރުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ފައިސާއެވެ. އަދި މި ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު ވުޒާރާއިން ކަމަށްވެސް އެމްއޯސީ އިން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރު ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ނުބޭއްވި ލަސްވަމުންދާ ސައުތް އޭޝިއަން ގޭމްސްއެވެ. މީގެއިތުރުން ދެން ބައިވެރިވުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ސޮލިޑޭޓަރީ ގޭމްސް އާއި އޭޝިއަން ޔޫތް ގޭމްސްއެވެ.

މި ގޭމްސްތަކުގައި ބައިވެރިކުރާނީ ކޮން ކުޅިވަރުތަކަކުންކަން ކަނޑައަޅާއީ މޯލްސްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރު ވުޒާރާ އަދި މޯލްޑިވްސް ސްޕޯޓްސް ކައުންސިލް ގުޅިގެން މަޝްވަރާތައް ކުރުމަށްފަހު ކަމަށް އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް އަހުމަދު ފާހަގަކުރެއްވިއެވެ،

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ މިހާރު މި ގޭމްސްތަކަށް ދާނެކަމަށް ލަފާކުރެވޭ ބަޖެޓް މިހާރު ކުޅިވަރު ވުޒާރާ އާއި ހިއްސާކުރެވިފައިވާ ކަމަށާއި އެފަރާތުން އަދި ޖަވާބެއް ނުލިބޭކަމަށާއި ގޭމްސްއަށް ގެންދެވޭނީ ކިހާވަރެއްގެ ކޮންޓިންޖެންޓެއްކަން ކަނޑައެޅޭނީ މިނިސްޓަރީއިން ޖަވާބެއް ލިބުމުން ކަމަށެވެ.