ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ހުޅުވި މެޗުގައި ނިއުޒިލެންޑުން 300 ލަނޑު ހަދާފާނެ ކަމަށް ކުޑަކޮށްވެސް ހީނުކުރާ ކަމަށް ޕާކިސްތާނިގެ ކެޕްޓަން މުޙައްމަދު ރިޒްވާން ބުނެފިއެވެ.
60 ލަނޑުން ޕާކިސްތާން ބަލިވި މެޗުގައި ނިއުޒީލޭންޑް ވަނީ 320 ލަނޑު ހަދައިފަ އެވެ. ރިޒްވާން ބުނީ ޕާކިސްތާން ކުޅުންތެރިން އުއްމީދު ކުރީ ގިނަވެގެން ނިއުޒީލޭންޑަށް ހެދޭނީ 260 ލަނޑު ކަމަށެވެ.
"ދަނޑުގެ ހާލަތަށް ބަލާއިރު ފުރަތަމަ ބެޓް ކުރުން އެހާ ރަނގަޅު ކަމަށް އަހަރުމެންނަށް ނުފެނުނު. އެކަމަކު އެމީހުން ވަރަށް ވިސްނުންތެރިކަމާއެކު ކުޅެން ފެށުމުން އެހާ ވަރަށް ލަނޑު ހެދުނީ. އަހަރުމެން ހީކުރީ އެމީހުންނަށް ހެދޭނީ 260 ލަނޑު ކަމަށް،" ރިޒްވާން ބުންޏެވެ.
އޭނާ ބުނީ ނިއުޒީލޭންޑުން 320 ލަނޑު ހެދި ނަމަވެސް ޕާކިސްތާން ބަލިވި މައިގަނޑު ސަބަބަކީ މެޗުގެ ފަހު 10 އޯވަރުގައި އެކަށީގެންވާ ވަރަށް ނުކުޅެވުން ކަމަށެވެ. އޭނާ ފާހަގަ މި ކުރާ ފަހު 10 އޯވަރަށް ބަލާއިރު ނިއުޒީލޭންޑް އެންމެ ގިނަ ލަނޑު ހަދާފައިވަނީ ވެސް މެޗުގެ ފަހު 15 އޯވަރުގަ އެވެ.
"އަހަރުމެންނަށް މެޗުގެ ޑެތް އޯވަރުތަކުގައި އެކަށީގެންވާ ވަރަށް ފީލްޑް ނުކުރެވުނު. މީގެ ސަބަބުން އެމީހުންނަށް ދިޔައީ އިތުބާރު ބޮޑުވަމުން،" ކެޕްޓަން ބުންޏެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޕާކިސްތާން ބަލިވި މި މެޗަށް ފަހު އެ ގައުމަށް ދެން އޮންނާނީ އެންމެ ވާދަވެރި އިންޑިޔާގެ މެޗެވެ. ދެ ގައުމުގެ ސިޔާސީ ކޯޅުންތަކާއި ހަތުރުވެރިކަމުގެ ސަބަބުން ޕާކިސްތާނަށް އިންޑިޔާގެ ގައުމީ ޓީމު ފޮނުވަން އިންޑިޔާ ސަރުކާރުން ބޭނުން ނުވުމުމުން އިންޑިޔާގެ މެޗުތައް ކުޅޭނީ ދުބާއީގަ އެވެ. މިހެންވެ މި މަހުގެ 23 ވަނަ ދުވަހު އިންޑިޔާއާ ދެކޮޅަށް ކުޅެން ޕާކިސްތާން ދުބާއީ އަށް ދާން ޖެހިފައިމިވަނީ ޕްރެޝަރުގައި ތިބެގެންނެވެ. ނަމަވެސް ރިޒްވާން ބުނީ އޭނާގެ ޓީމުން މެޗު ޕްރެޝަރު ބޮޑު ނުކުރާނެ ކަމަށެވެ.
"އަހަރުމެން އިންޑިޔާ މެޗު ކުޅޭނީ އާދައިގެ ހާލަތެއްގައި. އެ މެޗަށް ވެގެން ޕްރެޝަރެއް ނޯންނާނެ. މި މެޗުގައި ހެދުނު މިސްޓޭކްތައް ރަނގަޅުކޮށްގެން އަހަރުމެންނަށް މޮޅު ނުވެވެންވީ ސަބަބެއްނެތް،" ރިޒްވާން ބުންޏެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.