އެންމެ މުހިންމު އެއް ބެޓްސްމަން ފަހުރުއްޒަމާނަށް އަނިޔާވެ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ޕާކިސްތާން ކަރުތާ ފެނަށް ވެއްޓިއްޖެއެވެ.
ޓީމުގައި ހުރި އެންމެ އިތުބާރު އޯޕަނިން ބެޓްސްމަނަށް އަނިޔާވީ އިއްޔެ ނިއުޒީލޭންޑް އަތުން ޕާކިސްތާން ބަލިވި މެޗުގެ ފުރަތަމަ އޯވަރުގަ އެވެ. އެއީ ބޯޅަ ހޮވަން އުޅުމުގެ ތެރޭގައި ބޯވަތަށް ވެއްޓިފަ އެވެ. އޭނާގެ ބުރަކައްޓަށް ތަދުވުމުގެ ސަބަބުން ވަގުތުން ދަނޑުން ބާލަން ޖެހުނެވެ. އޭނާގެ ބަދަލުގައި މެޗު ފުރިހަމަ ކުރީ ކަމްރަން ގުލާމެވެ.
ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބުނީ ކުޅުންތެރިޔާގެ ފިޓްނަސްއާ މެދު ވަކި އެއްޗެއް ބުނަން އެނގޭނީ މިއަދު އިތުރު ޓެސްޓްތައް ހެދުމަށްފަހު ކަމަށެވެ.
"ފަހުރުއްޒްމާންގެ ހާލަތު ދެނެގަތުމަށް ވަނީ ޓެސްޓްތައް ހަދަމުން. އޭނާގެ މަސްގަނޑަށް ވަނީ ތަދުވެފައި. މި ކަމުގެ އިތުރު ތަފްސީލު ދެވޭނީ އިތުރު ޓެސްޓްތަކަށް ފަހު،" ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޭނާގެ އަނިޔާގެ ސަބަބުން ޕާކިސްތާނަށް ވަނީ މާޔޫސްކަން ވެރިވެފަ އެވެ. ސަބަބަކީ މުބާރާތަށް އެ ޓީމު ކުރިމަތިލާން ޖެހުނީ ވެސް އަނިޔާގެ ސަބަބުން އެންމެ އިތުބާރު ބެޓްސްމަން ސާއިމް އަޔޫން ނުލައި ކަމަށްވުމުންނެވެ. އަޔޫބް ނެތުމުން އިނިންގްސް ހުޅުވަން ކުޅެން ޕާކިސްތާނުގައި ހުރި އެންމެ އިތުބާރު ކުޅުންތެރިއަކީ ފަހުރުއްޒަމާނެވެ.
ގިނަ ތަޖުރިބާކާރުން ބުނަނީ އަޔޫބްނެތްއިރު ފަހުރުއްޒަމާނަށް ނުކުޅެވޭ ހާލަތެއް މެދުވެރިއްޖެނަމަ ޕާކިސްތާނަށް އަމިއްލަ ގައުމުގައި ކުޅުނަސް ތަށި ދިފާއު ނުކުރެވޭނެ ކަމަށެވެ.
ޕާކިސްތާނަށް މުބާރާތުގައި ބާކީ ދެން އޮތީ ދެ މެޗެވެ. އެއީ ގައުމުން ބޭރުގައި އިންޑިޔާއާއެކު ކުޅެން ޖެހޭ މެޗާއި އަމިއްލަ ގައުމުގައި ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދެވެނީ މި ދެ މެޗުން ވެސް މޮޅުވެގެންނެވެ.