ކުޅިވަރު

ބަންގްލަދޭޝްގެ އުއްމީދަކީ ޒުވާން ރާނާގެ ބާރު އުކުންތައް


ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި މިއަދު އިންޑިއާއާ ދެކޮޅަށް ނުކުންނަ ބަނގްލަދޭޝްގެ ހުރިހާވެސް އުއްމީދަކީ ޒުވާން އުކުންތެރިޔާ ނާހިދު ރާނާ ކަމުގައި ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ކެޕްޓަން ނަޖްމުލް ހުސައިން ސަންޓޯ ބުނީ ރާނާ އަކީ ބަނގްލަދޭޝްގެ ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު އެއް އުކުންތެރިޔާ ކަމަށެވެ.

"ފާއިތުވެދިޔަ މުބާރާތްތަކުގައި އަހަރުމެންނަށް އެންމެ ބޮޑަށް ދަތިވީ ލަސްލަހުން އުކާ ކުޅުންތެރިން ގިނަވުމުން. އެކަމަކު ރާނާ އާއި ތަކިން އަހްމަދަކީ އަހަރުމެންނަށް ލިބިފައިވާ ބާރު ދެ އުކުންތެރިން. ހާއްސަކޮށް ރާނާ އަކީ މޮޅު ކުޅުންތެރިއެއް. މީގެ ސަބަބުން އަހަރުމެންނަށް މެޗުން މޮޅުވާން ފަސޭހަވާނެ،" ކެޕްޓަން ބުންޏެވެ.

ޒުވާން ރާނާ ވެސް ވަނީ މެޗުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީފަ އެވެ. އޭނާ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ފުރުސަތު ލިބުމަކީ ޖެހިލުވާންޖެހޭ ސަބަބެއްނޫން ކަމަށެވެ.

"މިއީ ކުރިއަރަން ލިބޭ ފުރުސަތެއް. އަހަރުމެންގެ ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. އަހަރުމެން ކުރީ މުބާރާތްތަކަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދަން މިވަނީ ގަސްތުކޮށްފައި،" ރާނާ ބުންޏެވެ.

މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިންޑިޔާގެ ކެޕްޓަން ރޯހިތު ޝަރުމާ ބުނީ ބަންގްލަދޭޝް އަކީ ފަސޭހަކޮށް ނަގައިފިނަމަ އުނދަގޫ ޓީމެއް ކަމަށެވެ.

"އަހަރުމެން މި މުބާރާތަށް މިއީ ޓާގެޓެއް އޮވެގެން. އަހަރުމެން އެބަޖެހޭ އަހަރުމެންގެ ފެންވަރު ސާބިތުކޮށްދޭން. ފަހަކަށް އައިސް އިންޑިޔާ އަށް ލިބުނު ދަށް ނަތީޖާތަކުގެ ސަބަބުން ޓީމަށް ވެރިވެފައިވާ މާޔޫސްކަން ފިލުވައިލެވޭނީ މި މުބާރާތް ކާމިޔާބުކޮށްގެން،" ރޯހިތު ބުންޏެވެ.

އޭނަ އަދި ބުނީ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަނީ މި ދެ ގައުމުގެ މެޗުތައް ވަރަށް ބޮޑަށް ދިރާސާކޮށްގެން ކަމަށާއި ކުރީގެ މިސްޓޭކްތައް އިންޑިޔާއިން ތަކުރާރު ކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.