ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް ގައި ރޭ ބްރެސްޓް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ފްރާންސްގެ ދެ ޓީމު ކަމުގައިވާ ބްރެސްޓް އާއި ޕީއެސްޖީ ފުރަތަމަ ކުރިމަތިލުން 3-0 ގެ ނަތީޖާއަކުން ރަށުން ބޭރުގައި ޕީއެސްޖީ މޮޅުވެފައިވާއިރު ރޭގެ ނަތީޖާ އާއިއެކު އެ ޓީމުން ވަނީ 10-0 ގެ އެގްރިގޭޓް ނަތީޖާއެއް ހޯދާފަ އެވެ.
ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ސާޅީސް ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕީއެސްޖީ އިން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޕީއެސްޖީ އިން ވަނީ މެޗުގެ 20 ވަނަ މިނިޓުގައި އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރެޑްލީ ބާކޯލާ އެވެ. އަދި އޭގެ 19 މިނިޓު ފަހުން ކްވިޗާ ކްވަރަޓްސްހޭލިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށުނުއިރު 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮތްއިރު, ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ވިޓީނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މި މެޗުގެ 60 ވަނަ މިނިޓުގައި ކޯޗު ލުއިސް އެންރީކޭ ވަނީ އެޓީމަށް ތިން ބަދަލެއް ގެނެސްފަ އެވެ. އަދި އެ ބަދަލުތަކާއިއެކު އެ ޓީމުގެ ހަމަލަތައް ވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފަ އެވެ.
ޕީއެސްޖީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިސަޔާ ޑޯއޭ އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ނުނޯ މެންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަތް ލަނޑުވެސް ޕީއެސްޖީގެ ތަފާތު ހަތް ކުޅުންތެރިއެއްގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު ހަވަނަ ލަނޑާއި ހަތްވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގޮންޒާލޯ ރާމޯސް އާއި ސެނީ މަޔޫލޫ އެވެ.
ޕީއެސްޖީ އިން މި މެޗުގައި ޖެހި ހަތް ލަނޑާއެކު އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖެހި ލަނޑުގެ އަދަދު 21 އަށް އަރުވާފަ އެވެ. އަދި ބްރެސްޓް އާއި ދެކޮޅަށް މި ސީޒަނުގައި މިހާތަނަށް 4 މެޗު ޕީއެސްޖީ އިން ކުޅެފައިވާއިރު އެ ހަތަރު މެޗުން މޮޅުވެ އެ ޓީމުން ވަނީ ޖުމްލަ 18 ލަނޑު އެ ޓީމު ކޮޅަށް ޖަހާފަ އެވެ.