ކުޅިވަރު

ފަހްރުއްޒަމާނަށް ދެން ނުކުޅެވޭނެ، ބަދަލުގައި އިމާމުލް ހައްގު ނަގައިފި


ޕާކިސްތާނުގެ އެންމެ މުހިންމު އެއް ބެޓްސްމަން ފަހުރުއްޒަމާނަށް އަނިޔާވެ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އޭނާއަށް ދެން ނުކުޅެވޭނެކަން ކަށަވަރުވުމުން، ބަދަލުގައި އިމާމުލް ހައްގު ޓީމަށް ނަގައިފިއެވެ.

ޕާކިސްތާނުގައި ހުރި އެންމެ އެންމެ އިތުބާރު އޯޕަނިން ބެޓްސްމަނަށް އަނިޔާވީ ބުދަ ދުވަހު ނިއުޒީލޭންޑް އަތުން ޕާކިސްތާން ބަލިވި މެޗުގެ ފުރަތަމަ އޯވަރުގަ އެވެ. އެއީ ބޯޅަ ހޮވަން އުޅުމުގެ ތެރޭގައި ބޯވަތަށް ވެއްޓިފަ އެވެ. އޭނާގެ ބުރަކައްޓަށް ތަދުވުމުގެ ސަބަބުން ވަގުތުން ދަނޑުން ބާލަން ޖެހުނެވެ. އޭނާގެ ބަދަލުގައި މެޗު ފުރިހަމަ ކުރީ ކަމްރަން ގުލާމެވެ.

ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ފަހްރުއްޒަމާން ޓީމުން އުނިކުރީ އޭނާ އަށް ދެން މި މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވުމުންނެވެ. ބަދަލުގައި ނެގި އިމާމުލް ހައްގަކީ ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ޕްރެޒިޑެންޓް ޓްރޮފީގައި އޭނާގެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އިމާމް ވަނީ މި ފަހަރުގެ ޓީމަށް އޭނާ ނުގެނުމުން އެކަމާމެދު ހިތްހަމަނުޖެހުން ކޮންމެވެސް ވަރަކަށް ފާޅުކޮށްފަ އެވެ. އެކަމަކު އޭރު އޭނާ ބުނީ ބާކީވުމުން އަބަދުވެސް އޮންނާނީ އިތުރަށް މަސައްކަތް ކުރުން ކަމަށެވެ.

"އިމާމުލް ހައްގު އޭނާގެ ކުލަބު ޕީޓީން ވަނީ ގައުމީ ޓީމަށް ދޫކޮށްފައި. އޭނާ ގައުމީ ޓީމާ ގުޅެން މާދަމާ ދުބާއީ އަށްދާނެ. އިންޑިޔާއާ ދެކޮޅަށް ކުޅޭ ޓީމުގައި އޭނާ ހިމަނާނެ،" ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ނެރުނު ބަޔާނުގައި ބުންޏެވެ.

އުމުރުން 29 އަހަރުގެ ބެޓްސްމަނަކީ ލިމިޓެޑް އޯވަރު މުބާރާތްތަކުގައި ޕާކިސްތާނުގައި ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ޕާކިސްތާނަށް އެއް ދުވަހުގެ 72 މެޗު ކުޅެދީފަ އެވެ. މިހާތަނަށް ވަނީ 3138 ލަނޑު ހަދައިފަ އެވެ.

ފަހުރުއްޒްމާނަށް އަނިޔާވެ ނުކުޅެވޭގޮތް ވުމުން ޕާކިސްތާނަށް ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ސަބަބަކީ މުބާރާތަށް އެ ޓީމު ކުރިމަތިލާން ޖެހުނީ ވެސް އަނިޔާގެ ސަބަބުން އެންމެ އިތުބާރު ބެޓްސްމަން ސާއިމް އަޔޫން ނުލައި ކަމަށްވުމުންނެވެ. އަޔޫބް ނެތުމުން އިނިންގްސް ހުޅުވަން ކުޅެން ޕާކިސްތާނުގައި ހުރި އެންމެ އިތުބާރު ކުޅުންތެރިއަކީ ފަހުރުއްޒަމާނެވެ.

ގިނަ ތަޖުރިބާކާރުން ބުނަނީ އަޔޫބްނެތްއިރު ފަހުރުއްޒަމާނަށް ނުކުޅެވޭ ހާލަތެއް މެދުވެރިއްޖެނަމަ ޕާކިސްތާނަށް އަމިއްލަ ގައުމުގައި ކުޅުނަސް ތަށި ދިފާއު ނުކުރެވޭނެ ކަމަށެވެ.

ޕާކިސްތާނަށް މުބާރާތުގައި ބާކީ ދެން އޮތީ ދެ މެޗެވެ. އެއީ ގައުމުން ބޭރުގައި އިންޑިޔާއާއެކު ކުޅެން ޖެހޭ މެޗާއި އަމިއްލަ ގައުމުގައި ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދެވެނީ މި ދެ މެޗުން ވެސް މޮޅުވެގެންނެވެ. ޕާކިސްތާން ޓީމު މިހާރު ވަނީ އާދީއްތަ ދުވަހު އިންޑިޔާއާ ދެކޮޅަށް ކުޅެން ދުބާއީ އަސް ގޮސްފަ އެވެ. އިންޑިޔާގެ މެޗުތައް ދުބާއީގައި ކުޅެނީ ޕާކިސްތާނަށް އިންޑިޔާ ޓީމު ނުފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމުމުންނެވެ.