ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި ރޭ ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ރޯމާއިން ހޯދައިފި އެވެ.
މި ދެޓީމު މިދިޔަ ހަފްތާގައި ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭގެ މެޗުގެ ނަތީޖާ އާއިއެކު ރޯމާ އަށް ކުރި ލިބިފައިވަނީ 4-3 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ފަންސާސް ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ޕޯޓޯ އިންނެވެ.
އެގޮތުން މެޗުގެ 27 ވަނަ މިނިޓުގައި ޕޯޓޯގެ ސަމޫ އަގެހޯވާ ވަނީ ހިތްގައިމު އޮވަހެޑަކުން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ އަށް މިނިޓު ފަހުން ރޯމާގެ އާޖެންޓީނާގެ މިޑްފީލްޑަރ ޕައުލޯ ޑީބަލާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ރޯމާއަށް ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ 39 ވަނަ މިނިޓުގައި ޕޯޓޯގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޑީބަލާ ކާމިޔާބުކޮށްދިން ރީތި ލަނޑަކުންނެވެ.
މި މެޗުގައި ޕޯޓޯ އަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި އެ ޓީމުގެ ސްޓެފަން އެސްޓާކިއޯ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ވީޑިއޯ ބެލުމަށްފަހު ރެފްރީ އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ރޯމާގެ ލިއަންދްރޯ ޕަރެޑޭސް އަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ.
ރޯމާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނިކޯލޯ ޕިސިލީ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ރޯމާއިން ކުޅެމުންދިޔަ ނަމަވެސް އެ ޓީމުން ވަނީ ރޯމާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޕޯޓޯ އިން ފޮނުވާލި ހަމަލައެއް ރޯމާގެ ޑެވޭން ރެންޝްގެ ގައިގައި ޖެހިފައިވަނީ ބައިކޮޅަށް ވަދެފަ އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ރޯމާ އާއި ދެކޮޅަށް ނިކުންނާނީ އިޓަލީގެ ލާޒިއޯ ނުވަތަ ސްޕެއިންގެ އެތްލެޓިކް ބިލްބާއޯ އެވެ.