ޚަބަރު

ޤައުމިއްޔަތު ކޮލެޖުގެ މި އަހަރުގެ ފުރަތަމަ ސިންތާ ބާއްވައިފި


  • ސިންތާގައި އަލިއަޅުވާލާފައިވަނީ ދިވެހީން ތަޖުރިބާކުރި މޫސުމީ ކާރިސާތަކުގެ މައްޗަށް

  • ސިންތާގައި ކަށިމާ ޝާކިރާއި މޫސުމީ ތަޖުރިބާކާރު ޙުސައިން ވަޙީދު މަޢުލޫމާތުދެއްވި

ޤައުމިއްޔަތު ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ ފަރާތުން މި އަހަރު ބާއްވާ ފުރަތަމަ ސިންތާ ބާއްވައިފިއެވެ. މިއީ ޤައުމިއްޔަތުގެ އިސްވަރުން ބޭއްވި ފުރަތަމަ ސިންތާއެވެ.

ކަޅުއޮށްފުންމިގެ ނަމުގައި ބޭއްވި މި ސިންތާގައި އަލިއަޅުވާލާފައިވަނީ ދިވެހީން ތަޖުރިބާކުރި މޫސުމީ ކާރިސާތަކުގެ މައްޗަށެވެ. މި ސިންތާގައި ވާހަކަދައްކަވަމުން ކޮލެޖުގެ ދިވެހި ތާރީޚާ ބެހޭ އިސްވަރު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ މި ސިންތާގައި ދިވެހިން ތަޖުރިބާކުރި މޫސުމީ ހާދިސާތަކާއި ކާރިސާތަކުގެ މައްޗަށް ޢިލްމީ ހުށައެޅުންތަކެއް ހުށައެޅޭނެ ކަމަށެވެ.

ޝާކިރުގެ ވާހަކައިގައި ދިވެހި ތާރީޚުގައި ހިނގާފައިވާ މޫސުމީ ބައެއް ހާދިސާތަކަށް ވަނީ އަލިއަޅުވާލާފައެވެ. އެ ގޮތުން މީގެ 211 އަހަރު ކުރިން ރާއްޖޭގައި ހިނގި "ކޭލަކުނު ތަޅާލި ވިއްސާރަ"ގެ ނަމުން މަޝްހޫރުވެފައިވާ ބޯކޮށް ވާރޭވެހުނު ހާދިސާއާއި 102 އަހަރު ކުރިން ދިވެހިން ތަޖުރިބާކުރި ގަދަ ވައިގެ ހާދިސާގެ މައްޗަށް ޝާކިރު އަލިއަޅުވާލެއްވިއެވެ.

"ކޭލަކުނު ތަޅާލި ވިއްސާރައިގައި ވަރަށް ގިނަ ރަށްތަކެއް ފަޅުވި. ތިލަދުންމަތިންނާއި މިލަދުންމަޑުލުންނާއި މާޅޮސްމަޑުލުގެ އެކި ރަށްތައް އޭރު ފަޅުވި. ނަމަވެސް މިހާރު އޭގެ ތެރެއިން ބައެއް ރަށްތަކުގައި އަލުން މީހުން ވަނީ އާބާދުވެފައި. ދިވެހިންނަކީ މޫސުމީ ހާދިސާތަކާ ދުރު ބައެއް ނޫން. ތަފާތު ތަޖުރިބާތައް ދިވެހިންވަނީ ކޮށްފައި." ޝާކިރު ވިދާޅުވިއެވެ.

ޤައުމީ ދާރުލްއާސާރުގައި ޤާއިމްކޮށްފައިވާ އިސްވަރުގެ އޮފީހުގައި ބޭއްވި މި ސިންތާގައި ޢިލްމީ ނަޒަރަކުން ދިވެހިން ތަޖުރިބާކުރި މޫސުމީ ހާދިސާތަކަށް އަލިއަޅުވާލާފައިވެއެވެ. މިކަމަށް އަލިއަޅުވާލައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި މީޓިއޮރޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޙުސައިން ވަޙީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޙުސައިން ވަޙީދަކީ 1998 ވަނަ އަހަރުން ފެށިގެން މޫސުމާބެހޭ ޤައުމީ އިދާރާގައި މަސައްކަތްކުރައްވަމުން އަންނަ މޫސުމީ ތަޖުރިބާކާރެކެވެ.

މި ސިންތާގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ "ދިވެހި ތާރީޚަށް އައު އަލިކަމެއް" މި ފޮތުގެ ޑިޖިޓަލް ކޮޕީއެއް އަމިއްލަ ފަރާތަކުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ހަދިޔާ ކޮށްފައިވެއެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފަތުރާ އާލާކޮށް، ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް އުފައްދާފައިވާ ކޮލެޖެކެވެ. ކޮލެޖުގެ މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ އެކި ރޮނގުރޮނގުން، ރާއްޖޭގެ ދެ މޫސުމާއި ނަކަތްތަކުގައި ސިންތާތަކާއި މަހާސިންތާތައް އިންތިޒާމުކޮށް ބޭއްވުން ހިމެނެއެވެ. އެ ގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޤައުމިއްޔަތު ކޮލެޖުން ވަނީ "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު"ގެ ނަމުގައި މަހާސިންތާއެއް ބާއްވާފައެވެ.