ރ. ފައިނުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ އެއަރޕޯޓު، އެޅުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން، އެމްޓީސީސީއާއެކު ސޮއިކޮށްފިއެވެ.
އެމްއޭސީއެލުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެމް.ޓީ.ސީ.ސީން އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.
މި މަޝްރޫޢަކީ، ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ އެއަރ އެއަރޕޯޓެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.
އެއްބަސްވުމުގައި އޮިކުރުމަށް އެމްއޭސީއެލްގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމްޓީސީސީއާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުތަކުގައި އެ މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިނު ހިމެނޭ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވީ ރ.އަތޮޅުގައި ޓޫރިޒަމް ތަރައްޤީވެ، ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު ހަބަކަށް ރ. އަތޮޅު ވެގެންދާއިރު މި އެއަރޕޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ނަފާއެއް ލިބިގެންދާނެ ކަމަށެވެ. އަދި ރ.އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާ އަދި ލުއިފަސޭހަ ލިބިގެންދާނެކަމަށް ފަލާޙް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފައިނަށްކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވެފައިވަނީ އެރަށުގައި އެއަރޕޯޓް އެޅުމުގެ އެއްބަސްވުމުގައި ފެބުރުއަރީ މަހު ސޮއިކުރުމަށްފަހު އެކަމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.
އެރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކޮށްފައިވާގޮތުން، އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާ ސަރަހައްދުގައި އެ ނިޒާމުގެބައެއް ތަންތަން ހުރުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް މެދުނުކެނޑޭނެގޮތަށް އެ ނިޒާމަށް ބަދަލު ގެންނަވާނެކަމަށްވެސް ވިދާޅުވެފައެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ، މި އެއަރޕޯޓު އެޅުމަށް ހުރަސްއެޅުމަށްޓަކައި، މިދިޔަ ސަރުކާރުން އެއަރޕޯޓަށް ސީދާ ބޭނުންވާ ސަރަޙައްދުގައި ފެނާއި ނަރުދަމާ މަޝްރޫޢުގެ ބައެއް ތަންތަން ހުރީ ހަދާފައި ކަމަށް. އެހެންވީމާ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށްޓަކައި، ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެ ކުޑަ ޚަރަދެއްކޮށްގެން ކުރެވޭނެ ގޮތަށް، އެއަރޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހުސްކޮށް، ފެނާއި ނަރުދަމާ ނުހުއްޓި، ޚިދުމަތް ނުހުއްޓި ކުރިއަށް ގެންދެވޭގޮތަށް، ތަރުތީބުކޮށްގެން، އެ ތަންތަން ބަދަލުކޮށްގެން، ހަމަ ރަނގަޅަށް ވަރަށް އޮމާންކޮށް މަސައްކަތްތައް ކުރިއަށް ގެންދާނެކަން ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފައިނު އެއަރޕޯޓަކީ އެރަށުގެ ރައްޔިތުންގެ ދުވަސްވީ އުންމީދެކެވެ. އަދި އެ ދާއިރާގެ ރައްޔިތުންނާއި، މުޅި އަތޮޅުގެ އިޤްތިޞާދީ ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއަރޕޯޓެއްކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ. ފައިނު އެއަރޕޯޓާއެކު ގިނަ ވަޒީފާތައް އުފެދި އެސަރަޙައްދަށް ގިނަ ރިޒޯޓުތަކެއް އައުމަށް މަގުފަހިވެގެންދާނެކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.