ޚަބަރު

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތްކުރަން އާރްޑީސީއާ ހަވާލުކޮށްފި


  • މިއީ 50 އެނދުގެ ހޮސްޕިޓަލެއް

  • މަސައްކަތް ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

  • މިއީ 181 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ހޮސްޕިޓަލެއް

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މިހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތަކީ މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރަކާއި، ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމަނައިގެން ހަދާ ހޮސްޕިޓަލެކެވެ.

އަދި މިހޮސްޕިޓަލްގައި ސްޓާފުންނަށް ތަމްރީން ދިނުމަށް ބޭނުންވާނެ ފެސިލިޓީއެއްގެ އިތުރުން މި ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީވެސް ޤާއިމްކުރެވިގެންދާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދ.އަތޮޅު ހޮސްޕިޓަލް ހުންނަ ކުޑަހުވަދޫއަކީ އެއަރޕޯޓެއް އޮންނަ ރަށަކަށްވާތީ، އިމަރޖެންސީ ހާލަތްތަކުގައި ކޭޓަރކުރެވޭނެ އިމަރޖެންސީ އީއާރެއް ޤާއިމްކުރެވޭނެ ކަމަށްވެސް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިހޮސްޕިޓަލަކީ ކޯވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމަނައިގެން ހެދޭ ހޮސްޕިޓަލެއް ކަަމަށާއި އަދި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަންއާއި މެޑިކަލް އެއަރ އަދި ސަކްޝަން އަޅާފައިވާނެ ކަމަށްވެސް އެވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ ހޮސްޕިޓަލުގައި ބޭނުން ކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން މިމަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއްގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓްވެސް ޤާއިމްކުރެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

181 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މިހޮސްޕިޓަލުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.

މި އައު ހޮސްޕިޓަލް ޢިމާރާތް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަތައް ލިބޭނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.