ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް އިސްލާޙެއް ހުށައަޅައިފިއެވެ. ސުޕްރީމް ކޯޓުގައި މިހާރު 7 ފަނޑިޔާރުން ތިއްބަވައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. މި ބިލު ހުށަހަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު އަމިއްލަ ގޮތުންނެވެ.
ބިލު ހުށައެޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް ބަޔާން ކުރެވިފައިވާ ފަދައިން ޤާނޫނުއަސާސީން ދިވެހިންކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ ކަމަށެވެ. އަދި އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާތީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭވެސް އެއްގޮތަށް ބަދަލުކުރުމަށް އިސްލާހުތައް ގެނައުން ރަނގަޅުކުރުމަށް ދެކޭތީކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިގާލީ ސުޕްރީމް ކޯޓުގައި 5 ފަނޑިޔާރުން ތިއްބެވި އެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، އަނެއްކާވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު 2014ވަނަ އަހަރު ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދު ކުރެވުނެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު 2019ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރުކުރަން އޭރުގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ކޯޓުތަކުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު 5 ފަނޑިޔާރުންގެ މައްޗަށްކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މި ވަގުތު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވާއިރު، އެ އަދަދު 5އަށް މަދުކުރަން ކުރަންޖެހޭތީ ފަނޑިޔާރުން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި މުއްދަތުތައް ބަޔާންކޮށްފައިވެއެވެ.
އެ ގޮތުން ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފަނޑިޔާރުންގެ ނަންތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށައަޅަންވާނެކަމަށްވެސް ބިލުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށައަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން މަޤާމުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި ސުޕްރީމް ކޯޓުގައި ދެންތިބި ފަނޑިޔާރުން އެ ފަނޑިޔާރުން ތިބި މަޤާމުގައި ދެމިތިބޭނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އަދި އެ މުއްދަތުތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށް ބިލުގައިވެއެވެ. ހަމައެއާއެކު ބިލުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ކަންކަން ކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވާކަމަށާއި ކަމާބެހޭ ޤާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު މަޖިލީހަށްވެސް ލިބިގެންވާކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންއާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރުއާ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި ފަނޑިޔާރު ޙުސްނުއް ސުޢޫދާއި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.