ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާއެނބޫދުއަށް ވަޑައިގެންފިއެވެ.
މާއެނބޫދުއަކީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 2 ވަނަ މަންޒިލެވެ. ދ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅު ފަށްޓަވާފައިވަނީ އިއްޔެ ހަވީރެވެ.
ރައީސުލްޖުމްހޫރިއްޔާ މާއެނބޫދޫއަށް މިއަދު ހެނދުނު ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މާއެނބޫދޫގައިވެސް ބައެއް މުހިންމު މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ. މިގޮތުން މި ދައުރުފުޅުތަކުގެ ތެރޭގައި މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.