ޚަބަރު

ފަސް ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


  • މަޖިލީހުން ފާސްކުރުމުން ސަފީރުން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ

ފަސް ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި 5 ޤައުމަކީ ބްރޫނާއީ ދާރުއްސަލާމާއި ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގާއި ކިންގްޑަމް އޮފް ނެދަލެންޑްސްއާއި ފްރާންސްއާއި އޮސްޓްރޭލިޔާއެވެ.

މި 5 ޤައުމަށް އައްޔަންކުރުމަށް ހުށައެޅުއްވި ނަންތައް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ކޮމިޓީން ނިންމާފައިވަނީ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ހުރިހާ ބޭފުޅުންނަކީވެސް ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން އެކަށީގެންވާ ބައެއް ކަމަށެވެ.

ކޮމީޓިގެ ނިންމުމާ އެއްގޮތަށް 5 ޤައުމަކަށް ނޮން ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ބޭފުޅުންނަކީ އެކަށީގެންވާ ބައެއްކަމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

ނޮން-ރެސިޑެންޓް ސަފީރުކަމަށް ރައީސް ފޮނުއްވި ނަންތައް:

ބްރޫނާއީ ދާރުއްސަލާމް - ޑޮކްޓަރ މަރިޔަމް ޝަބީނާ އަޙްމަދު
ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގްއާއި ކިންގްޑަމް އޮފް ނެދަލެންޑްސް - ޤީލާ ޢަލީ
ފްރާންސް - އިރުތިޝާމް އާދަމް
އޮސްޓްރޭލިޔާ - މުޙައްމަދު ލުވޭޒު

މި ޤައުމުތަކަށް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވީ މި މަހުގެ 17ވަނަ ދުވަހުއެވެ. ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރުމުން އެ ފަރާތްތައް ސަފީރުކަމުގެ މަޤާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.