ޚަބަރު

ދެޤައުމަކަށް ކަނޑައެޅި ސަފީރުންގެ ނަންތައް ދިރާސާކުރަން ކޮމިޓީއަށް


  • ރަޝިއާއަށް ކަނޑައަޅަން ހުށަހަޅާފައިވަނީ ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

  • މޮރޮކޯއަށް ކަނޑައަޅަން ހުށަހަޅާފައިވަނީ އަޙްމަދު ސަރީރު

ދެ ޤައުމަކަށް ކަނޑައަޅާ ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ރަޝިއާއަށާއި މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމާ ގުޅޭގޮތުން މަޖިލީހުން ދެކޭގޮތެއް ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވާފައެވެ.

ރަޝިއާގެ ސަފީރަކަށް މިހާރު ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އަދި މޮރޮކޯގެ ސަފީރަކަށް ސަޢުދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު ސަރީރު އައްޔަން ކުރެއްވުމަށް ރައީސް ވަނީ ފޮނުއްވާފައެވެ.

މިކަމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައެޅުއްވޭނީ މަޖިލީހުން ފާސްކުރުމަށްފަހުއެވެ.