ދ. މީދޫގެ ސިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން ސިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުވައްދެއްވައި އެމަނިކުފާނު ވަނީ އައު އިމާރާތް ބައްލަވާލައްވާފައެވެ.
މި އިމާރާތުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ހިމެނެއެވެ. މީގެ އިތުރުން ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް އައު އިމާރާތުގައި ވަނީ ޤައިމް ކުރެވިފައެވެ.
މީދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ. އަދި މި ތަނުގައި މިވަގުތު އެތަނުގައި މަސައްކަތް ކުރަނީ 2 ޑޮކްޓަރުންނެވެ.މީދޫގެ ސިއްޙީ މަރުކަޒުން ވިދަޅުވީ އައު އިމާރާތާއެކު މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.