ޚަބަރު

ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ރާއްޖެ ފައިނަލަށް


އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ތިންވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕުގައި ނޭޕާލް އަތުން 7 ޕޮއިންޓުގެ ތަފާތުން ހޯދި މޮޅާއެކު ރާއްޖެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ނިއުދިއްލީގެ ކޭޑީ ޖާދަވް އިންޑޯ ސްޓޭޑިއަމްގައި ނޭޕާލާ ވާދަކޮށް ރާއްޖެ މެޗު ކާމިޔާބުކޮށްފައިވަނީ 53-46 ޕޮއިންޓުންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލް މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިންޑިއާ އާއެވެ. ތިން ގައުމު ވާދަކުރާ މި މުބާރާތުން އެންމެ ރަނގަޅު ދެ ޓީމެއް ފައިނަލަށް ދާނެއެވެ. އިންޑިއާ ވަނީ ފުރަތަމަ މެޗުގަައި ނޭޕާލް ބަލިކޮށްފައެވެ. އެއާއެކު ނޭޕާލް ވަނީ މުބާރާތުން ކަޓާފައެވެ.

މިމެޗުގައި ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދަދިނީ 19 ޕޮއިންޓް ހޯދި ރައިފާ އިބްރާހީމްއެވެ. އޭނާ ވަނީ މިމެޗުގައި 4 ރީބައުންޑް ނަގާ، 1 އެސިސްޓް ހަދާފައެވެ.

މެޗު ފަށައިގެން ރާއްޖެއިން ލީޑް ނެގިއިރު މެޗުގެ ފުރަތަމަ ކުއާޓާ ދިވެހި ޓީމުން ނިންމާލީ 9-4 ނަތިޖާއިން ކުރީގަ އޮވެގެންނެވެ. ދެވަނަ ކުއާޓަ ވެސް ރާއްޖެ ކާމިޔާބުކުރީ 17-11 އިން ކުރީގަ އޮވެގެންނެވެ. ތިންވަނަ ކުއާޓާގައި ތަފާތު ބޮޑު ފަރަގަކާ އެކު ނޭޕާލުން ކުރީގަ އޮވެ ނިންމާލީ 20-8 ނަތީޖާއިންނެވެ. މި ނަތީޖާ އެކު ފަހު ކުއާޓާއަށް ނުކުތް އިރު ރާއްޖޭއަށް ޕްރެޝަރެއް ކުރި މަތިވި ނަމަވެސް ރާއްޖެއިން މެޗު ކާމިޔާބުކުރީ ފަހު ކުއާޓަރ 19-11 ކާމިޔާބުކޮށްގެންނެވެ.

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށި މި މުބާރާތް ކުރިޔަށްދަނީ ރައުންޑް ރޮބިން ފޯމެޓަށެވެ. 2022 ވަނަ އަހަރަށްފަހު ބާއްވާ މި މުބާރާތުގައި ރާއްޖެ ވާދަކުރާނީ ނޭޕާލާއި މުބާރާތް ބާއްވާ ގައުމު އިންޑިއާއާ ދެކޮޅަށެވެ. ކޮންމެ ޓީމަކުން އަނެއް ޓީމާ އެއްފަހަރު ބައްދަލުކުރާއިރު، ލީގު ސްޓޭޖުން ގަދަ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

ރާއްޖެއިން ވަނީ 2016 އަދި 2022 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ދެ އަހަރުވެސް މި މުބާރާތުން ލޯ މެޑަލް ހޯދާފައެވެ. އެންމެފަހުގެ ޗެމްޕިއަން ލަންކާ މި މުބާރާތުގައި ވާދަނުކުރެއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ އިންޑިޔާ އާއި ދެކޮޅަށެވެ.