ޚަބަރު

މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް


  • މި މަޝްރޫޢު ކުރިއަށް ގެންދަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން

  • މި މަސައްކަތް ދާދިއަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވި

މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްތަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރު ހަވާލުވިއރުވެސް އެރަށު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިއޮތްކަމަށެވެ. އެހެންމަވެސް އޭރު ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ ރައްޔިތުން ބޭނުންވާގޮތަށް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަހަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭގޮތަކަށެވެ.

އަދި މީދޫއަކީ މަސްވެރިންކަން ކުރިއަރާފައިވާ ރަށެއްކަމަށާ ގިނަ އަދަދެއްގެ މަސްދޯނިތައް އޮތް ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބަނދަރު ތަރައްޤީކުރާނީ ދިގުމުއްދަތަކަށް ބޭނުންކުރެވެ ގޮތަށްކަމަށެވެ.

މި މަޝްރޫޢު އަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ދާދިއަވަހަށް މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާ ބާރުދުވެލީގެ މަސައްކަތް ނިންމައިދޭނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.


މީދުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް އެ އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި އުއްދޫ ހަމަޖައްސަވާފައެވެ.