މެޑިކަލް މާފިޔާއަށް ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށާއި، އޭޕްރީލް މަހުގެ 15އިން ފެށިގެން ހުރިހާ ބޭހެއް ހެޔޮ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެންފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދ. މީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭސް ލިބުން ދަތިވީ، ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި އޭގެ ވިޔަފާރިވެރިން ބޭސް އެތެރެކުރުން ހުއްޓާލުމުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭހުގެ މައްސަލަކަމަށެވެ. އެއްހާސް ނުވަތަ ދެހާސް އިންސައްތަ ފައިދާ ރައްޔިތުންގެ ޓެކްސް ފައިސާއިން އާސަންދަ ތެރެއިން ބޭހުގެ ވިޔަފާރިކުރާ އެތައްބަޔަކު ދިޔައީ ނަގަމުންކަމަށާއި، އެއީ ބޮޑު އިސްރާފެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އެޅި ފިަޔަވަޅަކީ އެކަން ހުއްޓުވީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން މިކަމުގައި ގެނައި ބަދަލަކީ އެސްޓީއޯގެ ރޭޓަށް ބޭހުގެ އަގު ތިރިކުރުންކަމަށާއި، އެކަންކުރުމުން ބޭސްގެންނަ ފަރާތްތަކުން ދަތިކުރީކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ބޭސް މަދުވީކަމަށް ރައީސް ވިދާޅުވިއެވެ.
"އެ މައްސަލަ ހައްލުކުރުމަށް ފިނޭންސްއިން މިހާރު ޚާއްސަ އެހީތެެރިކަމެއް ދީގެން މިހާރު އެސްޓީއޯއިން އެދަނީ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތްކުރަމުން. އެހެންވީމަ މެޑިކަލް މާފިޔާއަށް، ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތެއް އަޅުގަނޑުމެން ނުދޭނަން. އަޅުގަނޑުމެން 15 މާރިޗާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން، އެއްވެސް ކަންބޮޑުވުމެއްނެތި ރައްޔިތުންނަށް ލިބިގެންދާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން އެންމެ ޒަރޫރީ ބޭސްތަކުގެ އިތުރުން އެހެން ހުރިހާ ބޭހެއްވެސް 15 އޭޕްރީލް އިން ފެށިގެން އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ތާރީޚުން ފެށިގެން ބޭހުގެ ދަތިކަމެއް ނާންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ޕްރައިވެޓް ސެކްޓަރއިން އުނދަގޫކުރުމަށް މިކުރި މަސައްކަތް އެއްކޮށް އަޅުގަނޑުމެން ހައްލުކުރާނަން. އެމީހުން މިހުރިހާ ދުވަހު އާސަންދައިން އެތައް ސަތޭކަ 1000، 2000 ޕަސެންޓު ފައިދާ ރައްޔިތުންގެ ފައިސާއިން ޑްރޭންކުރަމުންދިޔައީ. ފެނިވަޑައިގަންވާނެ ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާލާ މީހާވެސް އަހަރުނުވާނެ ބޮޑެތި މަސްދޯނިތައް ބަންނާނެ. މިއީ ހަގީގަތް. އެކަން ހުއްޓުވާލީމަ މައްސަލަޖެހުނީ. ސަރުކާރުން ބޭސް ގެނައުމުގައި ނޫން. ރައްޔިތުންގެ ހެވާއި ލާބަޔަށް އެ އިސްރާފު ހުއްޓުވީ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޭހުގެ އިސްރާފު ހުއްޓުވައި އެފައިސާއިން ތަރައްޤީއަށް ހޭދަކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. 500 މިލިޔަން ރުފިޔާ ބޭހުގެ އިސްރާފުން ސަލާމަތްކޮށް އެތައް މަޝްރޫޢެއް ހިންގޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މުޅި މައްސަލައަށް ހައްލު ގެނެވިފައިވާކަމަށާއި، އެއްވެސް ފަރާތަކަށް ރައްޔިތުންނަށް ދަތިކުރުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެންމެ އާދައިގެ ރައްޔިތުންނާއި އާންމު ރައްޔިތުންނާއި މުއްސަނދި ރައްޔިތުންވެސް ހަމަހަމަކަމަށެވެ. އެއީ އަދުލުވެރި ވެރިކަމެއްކުރުމަށްކަމަށާއި އެއީ އެމަނިކުފާނަށް އޮތް ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.