ޚަބަރު

އެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީ ސަރުކާރުގެ ވެރިންގެ ތަހުޤީގެއްކުރަން ހުށަހަޅާނަން: ވަޒީރު އިޙްސާން


  • އެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީގެ ސަރުކާރުން އިހުމާލުވިކަމަށް ވަޒީރު ވިދާޅުވި

  • މިމައްސަލާގައި ކުރީގެ ސަރުކާރުން ވެރިން ޢަމަލުކުރެއްވި ގޮތް މަޖިލީހުގައި ވަޒީރު ވަނީ ހާމަކުރައްވާފައި

އެކްސްޕެޓް ސިސްޓަމް މައްސަލާގައި ދައުލަތަށް ގެއްލުންވާގޮތަށް، ކުރީގެ ސަރުކާރުގެ ވެރިން އިހުމާލުވެވައިވާތީ ޖިނާޢީ ތަހުޤީގެއް ކޮށްދިނުމަށް އެދި ހުށަހަޅުއްވާނެ ކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި، ޖަވާބުދާރިވެވަޑައިގަންނަވަމުންނެވެ.

ވަޒީރު ޢަލީ އިޙްސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައިގައި މައިގަނޑު 3 ނުކުތާއަކަށް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން އެއް މައްސަލައަކީ، ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތް ފޯރުކޮށްދޭ އެކްސްޕެޓް ސިސްޓަމް ހެދި މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ އައު ސިސްޓަމެއް ހެދުމަށް ހަވާލުކުރި މައްސަލައެވެ.

މިމައްސަލާގައި ކަން ހިންގާފައިވާ ގޮތުގެ ތަފްސީލް ވަޒީރު އިޙްސާން ވަނީ މަޖިލީހުގައި ހާމަކުރައްވާފައެވެ. އެގޮތުން މިކަމާ ގުޅޭ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ވަޒީރުގެ މައްޗަށް ކޮށްފައިވާ އިތުބާރުނެތް ކަމުގެ މައްސަލާގައި ވަނީ ތުހުމަތުކޮށްފައިވައެވެ. ނަމަވެސް އެފަދަ އެއްބަސްވުމެއް އޮތްކަން ހާމަކުރައްވާ 2016 ވަނަ އަހަރު އޮކްޓޯބަރ މަހު ސޮއިކޮށްފައިވާ އެއްބަސްވުން ވަޒީރު ވަނީ މަޖިލީހުގައި ދައްކާލާފައެވެ. އަދި އެއްބަސްވުމުގެ ދަށުން އެކުންފުނިން 13.4 މިލިޔަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭކަން ވަޒީރު ވިދާޅުވިއެވެ.

2019 އިން ފެށިގެން އެކުންފުނިން މިކަމާގުޅޭ މުޢާމަލާތްތައް އޭރު ސަރުކާރުގެ އިދާރާތަކާއި ކުރަމުންދިޔަކަން ވަޒީރު ވަނީ ހާމަކޮށްފައެވެ. އޭގެ ފަހުން އަހަރުތަކަށް ދެމިގެން ދިޔައިރުވެސް ކުންފުންޏަށް އެކަށީގެންވާ ޖަވާބެއް ނުދީ 2022 ވަނަ އަހަރު އެއްބަސްވުން އުވާލުމާއި ހިސާބަށް ދިޔަކަން ލިޔެކިޔުންތަކާއެކު ވަޒީރު ސާފުކޮށްދެއްވިއެވެ. މިމައްސަލައަށް ޖަވާބުދާރީ ނުވެ، ކުރީގެ ސަރުކާރުގެ ވެރިން ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިމައްސަލާގައި ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާތީ ޖިނާޢީ ދައުވާއެއް ކުރުމަށް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިމައްސަލައިގައި މެންބަރުން ރަނގަޅު ވާހަކައެއް ވިދާޅުވޭ، ދައުލަތަށް ގެއްލުންވާ ގޮތަށް ކަމެއްކުރައްވާފައިވާނަމަ މައްސަލަ ބަލަންޖެހޭކަމަށް. މިދިޔަ 5 އަހަރު ތެރޭގައި މިމައްސަލައަށް އިހުމާލުވެ އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާ ވާން އޮތް މައްސަލައެއްގައި ގެއްލުންދީފައި ވާތީއޭ ކުރީގެ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ކުރުމަށް އޭސީސީއަށް ހުށަހަޅާނަން" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވަނީ އައު ސިސްޓަމް ޤާއިމް ވުމުން ދިވެހި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ވަދެގެންދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ހުރި ސިސްޓަމުން ރަނގަޅު އަހަރެއްގެ ތެރޭގައިވެސް ވަންނަނީ އެވަރޭޖްކޮށް 770 މިލިޔަން ރުފިޔާ ކަމަށެވެ.

ބެސްޓިނެޓުން ބަލަހައްޓަމުންދިޔަ "އެކްސްޕެޓް އޮންލައިން ސިސްޓަމަކީ" ބަންގްލަދޭޝުން ރާއްޖެ އަންނަ މަސައްކަތްތެރިންގެ މެޑިކަލް އަދި އެނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާގުޅޭ ނިޒާމެކެވެ. ނަމަވެސް 2019ވަނަ އަހަރު، ބަންގްލަދޭޝުން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫންކަން ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.