ޚަބަރު

ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި


  • މި ޚިދުމަތް ފައްޓަވާދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ށ. އަތޮޅުގައި ފަށައިފިއެވެ.

މި ޚިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ށ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން ނެގޭނެކަމަށެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް 9 އަތޮޅެއްގައި ޕާސްޕޯޓް ޚިދުމަތް ވަނީ ފަށާފައެވެ. އަދި މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.