ޚަބަރު

"ލާމަރުކަޒީ ނިޒާމުގެ ބާރުތައް ބޭނުންކުރުމުގައި ސިޔާސީ ކުލަ ޖެހޭ، މިއީ ގޮންޖެހުމެއް"


  • އިދާރީ ދާއިރާތައް ބާރުވެރިވެ، ރަށްތައް ތަރައްޤީވެ، ރައްޔިތުން ތަހުޒީބު ވުމަކީ އަމާޒެއްކަމަށް ވިދާޅުވި

ލާމަރުކަޒީ ނިޒާމުން ލިބޭ ބާރުތައް ބޭނުންކުރުމުގައި ސިޔާސީ ކުލަ އަދިވެސް ޖެހޭކަމަށާއި މިއީ ދިމާވާ ގޮންޖެހުމެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމާ ބެހޭ މަސައްކަތު ބައްދަލުވުމުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ލާމަރުކަޒީ ދުވަސް އެންމެ މުހިންމުވާ އެއް ސަބަބަކީ ޚާއްސަ ބާބެއް އެކަށައަޅާ ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ އިޚްތިޔާރު ޤާނޫނު އަސާސީން ލިބިދިންކަން ކަށަވަރުވި ދުވަހަށްވާތީކަމަށެވެ. އެވުޒާރާގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އިދާރީ ދާއިރާތައް ބާރުވެރިވެ، ރަށްތައް ތަރައްޤީވެ، ރައްޔިތުން ތަހުޒީބު ވުމަކީ އަމާޒެއްކަމަށް ބަލައިގެންކަމަށެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަކީ ލާމަރުކަޒީ ނިޒާމްގެ ސިފަކަމަށެވެ. މި ނިޒާމަށް 14 އަހަރު ފުރި 15 އަހަރަށް އަރައިގެން ދިޔައިރު އަދިވެސް ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މާލީ ތަނަވަސްކަން އިތުރުކުރުމަށާއި، އެކަމަށް ފުރުސަތުތައް ހޯދަން މަސައްކަތްކުރަން ޖެހޭކަމަށެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު އެބައޮތްކަމަށެވެ. ނަމަވެސް ކައުންސިލްތަކަށް ކުރެވޭ އިތުބާރު ބޮޑުކުރުމަށްޓަކައި ކައުންސިލްތަކާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރުކުރުމަށް އަދިވެސް މަސައްކަތްތައް ކުރަންޖެހޭކަމަށެވެ.

ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ލިބޭ ބާރުތައް ބޭނުންކުރުމުގައި އަދިވެސް ސިޔާސީ ކުލަޖެހޭ މަންޒަރު ފެނިގެންދާކަމަށާއި، މިއީ މިނިޒާމުގައި ހުރި ގޮންޖެހުމެއްކަމަށެވެ.

"ލާމަރުކަޒީ ނިޒާމުން ލިބޭ ބާރުތައް ބޭނުންކުރުމުގައި އަދިވެސް ސިޔާސީ ކުލަ އެބަ ޖެއްސޭ. މީގެކުރިން މިކަން ފެށިގެންދިޔަ މިންވަރަށްވުރެ މިއަދު ހާލަތު ބަދަލުވެއްޖެ. ކުރިއަށްވުރެ ވަރަށް ބޮޑުތަނުން ރަނގަޅު ވެއްޖެކަން އުފަލާއިއެކީގައި ދަންނަވަން. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެން ޚިދުމަތް ދިނުމުގައި މި ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންނަކީ ހަޤީގަތުގައި ރައްޔިތުންނަށް ޚިދުމަތްކުރާ ބައެއް އަޅުގަނޑުމެންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއް". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ނިޒާމާމެދު އުންމީދުތަކެއް އޮތްކަމަށެވެ. ސަރުކާރުން މިކަމުގައި ވަރަށް ގިނަ ކާމިޔާބުތައް ހޯދާފައިވާކަމަށެވެ. ލާމަރުކަޒީ ނިޒާމް ތަންފީޒްކުރުމުގައި ސަރުކާރުގެ ސިޔާސަތެއް އެބައޮތްކަމަށެވެ. ސަރުކާރާއި ކައުންސިލްތަކާއިއެކު އޮތް ބަދަހިކަމަކީ މި ނިޒާމް ހަރުދަނާކުރުމަށް ސަރުކާރަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅުކަމަށް ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.