ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެވޭނީ މިނިޒާމަށް ހުރިހާ ފަރާތްތައް އަހުލުވެރިވެގެން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 14 އަހަރު ފުރި 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައެވެ.
ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި ކަންކަން ކުރަންވާނީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ ބައިވެރިވުމާއި ރައްޔިތުންގެ ޝާމިލުވުމާއި ރައްޔިތުންގެ ހިއްސާ އިތުރުކޮށްގެންކަމަށެވެ. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް އިންތިޒާމު ކުރަންޖެހޭނީ ތަރުތީބު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނާ ގާތުންކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ފާޑު ކިޔުންތަކާއި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުރީވުމަށް ކައުންސިލްތައް އަބަދުވެސް އޮންނަންވާނީ ތައްޔާރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީއާއި، ލާމަރުކަޒީ ނިޒާމުގެ ރޫޙަކީ ވެސް އެއީކަމަށް ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށެވެ. އަދި މި ނިޒާމު އިތުރަށް ހަރުދަނާ ކުރެވޭނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ނިޒާމާއި މީޑިއާ އާއި ދިވެހި ރައްޔިތުން ލާމަރުކަޒީ ނިޒާމަށް ފާރަވެރިވެ، ލާމަރުކަޒީ ނިޒާމު ދިރުވައި، އާލާކޮށްގެން ކަމަށާއި ލާމަރުކަޒީ ނިޒާމަށް އަހުލުވެރި ކުރުވިގެންކަމަށެވެ.
ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި 3 ކަމަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެއީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ މަފުހޫމަށް މުޅި ދައުލަތުން އިޙުތިރާމު ކުރުމާއެކު އެ މަފުހޫމު ދިރުވަން މަސައްކަތް ކުރުމާއި، ކައުންސިލްތަކަކީ ސަރުކާރުގެ ބައެއްކަން، ސަރުކާރުގެ ފަށަލައެއްކަން ޤަބޫލު ކުރުމާއެކު، ޤާނޫނުއަސާސީގައި ބަޔާންކުރާގޮތުގެމަތިން، ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުތަކުގެމަތިން ކަންކަން ހިންގުމާއި، ކައުންސިލްތަކުގެ މުހިންމު ނިންމުންތައް ނިންމުމުގައި ދެ ފުށް ފެންނަގޮތަށް ކަންކަން ކުރުމާއި ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމާއި ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކޮށް ޤާބިލުކަމާއި ފުދުންތެރިކަން އިތުރުކޮށް، ކައުންސިލްތަކުގެ މާލިއްޔަތު މުއްސަނދިކުރުންކަމަށެވެ. އަދި ކައުންސިލް އިދާރާތަކަށް ޢުމްރާނީ ކުރިއެރުންތައް ހޯދައިދީ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މަސައްކަތްކުރާނެ ޖާގަ ފަހިކޮށްދިނުންކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ކައުންސިލްތަކުގެ ޒިންމާ ވަރަށް ބޮޑުކަމަށާއި، ޒިންމާތަކާ އެއްވަރަށް ވަސީލަތް އިތުރުކޮށް މީހުން ބިނާކުރަންޖެހޭކަމަށެވެ. އަދި ސުޕަވިޝަން އާއި މޮނިޓަރިންގ ހަރުދަނާ ކުރަންޖެހޭކަމަށެވެ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ކައުންސިލް އިދާރާތައް އުމްރާނީގޮތުން ތަރައްޤީ ކުރުމުގެ މަޝްރޫޢު ފައްޓަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ސީދާ މަންފާކުރާގޮތަށް، ބައެއް ފަޅުރަށްތައް ކައުންސިލްތަކުގެ އިޙުތިޞާސްގެތެރޭގައި ހިމަނުއްވައިދެއްވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލޭން ކުރިން ދެމުންދިޔަ ޕާސްޕޯޓާއި އައިޑީކާޑް އަތޮޅުތަކުން ދޫކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާވަމުންދާ މަންޒަރުތައް ފެންނަމުންދާކަމަށެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި، ރައްޔިތުންނާގުޅޭ ކަންކަން ރާވައި ހިންގާ ހުރިހާ ފަރާތްތަކުން ވެސް، ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ކުޑަކުރެވޭނެގޮތަކަށް ކައުންސިލްތަކުގެ ހިންގުމާއި ކުރާ ޚަރަދުގެ ކަންކަން ޢާންމު ކުރެއްވުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކުރިމަގުގައި ވެސް، ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ.
ރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގާން ފެށުނީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.