މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ. އެގޮތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިޠުރުު ޒަކާތް ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއެކު އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. އެގޮތުން މިފަހަރުވެސް އޮންލައިންކޮށް 5 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެއެވެ.
- ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
- އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
- މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
- ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްިލޭޝަން
- ފަހިޕޭ (އެޕްލިކޭޝަން)
- ބަނޑޭރި ޕޭ
ޒަކާތު ހައުސްއިން ވިދާޅުވީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ ރަމަޟާންމަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން ވަނީ އިޢުލާންކުރައްވާފައެވެ.
- 2 މާރިޗް އިން 20 މާރިޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 9:30 އިން 13:00 އަށް
- 23 މާރިޗް އިން 30 މާރިޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 14:00 އަށް
ޒަކާތު ހައުސިން އިން ވިދާޅުވީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށެވެ.
1- އާދައިގެ ހަނޑޫ: 12 ރުފިޔާ
2- ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
3- ރަތް ހަނޑޫ: 86 ރުފިޔާ
4- ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
5- ބާސްމަތީ ހަނޑޫ (މޮޅު) : 100 ރުފިޔާ
6- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
7- އާދައިގެ ފުށް: 10 ރުފިޔާ
8- އާޓާ ފުށް: 75 ރުފިޔާ
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.