ސަރުކާރު ބަދަލުވުމަށްފަހުވެސް ފްލެޓް ލިސްޓުގެ ބައެއް މެންބަރުން ޕޯޓަލްއަށް އެކްސެސްވެފައިވާކަން ހާމަވެފައިވާކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްްޓްގައި ހުރި އޮޅުވާލުންތަކާއި މައްސަލަތައް ހާމަކުރައްވާފައެވެ. އެގޮތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުރިހާ ލިޔެކިޔުންތައް ހަމަނުވުމާއި އޮޅުވާލައިގެން ލިޔެކިޔުންތައް ހުށަހަޅާފައިވާކަން ވަޒިރު ފާހަގަކުރެއްވިއެވެ.
ގެދޮރުވެރިޔާ ފްލެޓް ލިސްޓް އެކުލަވާލާފައި އޮތްއިރު ފަހަގަކުރެވުނު މައްސަލަތަކަށް އަލި އަޅުވާލައްވަމުން ވަޒީރު ވިދާޅުވީ ފްލެޓް ކޮމިޓީގެ މެންބަރަކު އަމިއްލައަށް އޭނަގެ ފޯމް ސުޕަވައިޒަރަކަށް އެސައިން ކޮށްގެން އިވެލިއޭޓްކޮށް ފްލެޓް ލިބޭ ލިސްޓްގައި ހިމަނާފައިއޮތްކަމަށެވެ. އަދި ޕޯޓަލްގައި 15 އަހަރުވަންދެން މާލޭގައި ދިރިއުޅެމުންދާކަން ޔަޤީންކޮށްދިނުމަށް އަޕްލޯޑް ކުރާ ބަޔަށް އައިޑީކާޑު އެއްފުއް އަޕްލޯޑް ކުރުމާއި ކައިވެނީގެ ސެޓްފިކެޓްގެ އެއް ސަފުހާ އަޕްލޯޑްކޮށްފައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި މާލޭގައި ދިރިއުޅޭކަމަށް ބަޔާންކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ދީފައިވާ ރަސްމީ ލިޔުމެއްވެސް ހުށަހަޅާފައި އޮތްކަމަށެވެ. އަދި ކުންފުންޏެއް ވޖޫދުވެފައި އޮތް ތާރީޚަށްވުރެ ކުރީ ތާރިޚެއްގައި އެ ކުންފުނީގައި މަސައްކަތް ކޮށްފައިވާކަމުގެ ލިޔުން ހުށަހަޅައިގެން ފްލެޓް ލިސްޓުން ޖާގަ ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ފަރާތަކީ ފްލެޓް ކަންކަން ބެލެހެއްޓި ކޮމިޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓި އެއް ފަރާތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏަކުން ލިޔުން ދީފައި އެބައޮތް ބޮޑުކަންނެލި މަސް ދޯންޏެއްގެ ކެޔޮޅަކަށް މާލޭގައި ދާއިމީ ވާޒީފާގަ އުޅެމުންދާކަމަށް. އެއްގެއެއްގެ 5 މީހަކަށް ކައުންސިލުން ލިޔުން ދީގެން ފެލެޓް ލިސްޓަށް އަރުވާފައި އެބައޮތް." އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފްލެޓް ހޯދުމަށް ހުށަހެޅި ފާރާތްތަކުގެ ފޯމްތައް އިވެލުއޭޓްކުރުމަށްޓަކައި ކާކުކަން ޔަޤީން ނުވާ ޖީމެއިލް އެކައުންޓްތަކަކުންވެސް އިވެލުއޭޝަންގެ މަސައްކަތްތައް ކޮށްފައިވާކަމަށެވެ. އަދި މާލޭގައި 15 އަހަރު ވަންދެން އުޅުނުކަމަށް އަމިއްލައަށް އެޑްރެސް އަދި އަހަރު ޖެހުމަށްފަހު ލިޔުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެންވެސް ފްލެޓް ލިސްޓްގައި ޝަރުތުހަމަވާކަމަށް ހިމަނާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގައި ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މާލޭގެ ވަޒީފާގައި އުޅޭކަމުގެ ލިޔުން ހުށަހަޅައިގެން ލިސްޓްގައި ހިމަނާފައިވާކަންވެސް ވަޒިރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ފެލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ހަމައެކަނި 2 އަހަރު މާލޭގެ ސްކޫލެއްގައި އުޅުނުކަމުގެ ލީވިންގ ސެޓްފިކެޓް ހުށަހަޅާފައިވާކަމަށާއި ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް ނެތި ހަމައެކަނި މާލޭގެ ގެއެއްގައި އުޅޭކަމަށް ހުށަހަޅާފައިވާ ލިޔުމަށް ބެލުމަށްފަހު ލިސްޓުގައި ހިމަނާފައިވާކަމަށެވެ.
"ސާބިތު ކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ފަރާތްތަކާވެސް ލިސްޓުގައި ހިމެނާފައިވޭ. ހުށަހަޅާފައިވާ މަޢުލޫމާތަށް ބަލާއިރު އެއްއަށްވުރެ އިތުރަށް ޕޮއިންޓް ދީގެން ލިސްތްގައި ހިމަނާފައިވެސް އެބަހުރި."އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހު ފްލެޓް ލިސްޓް އިޢުލާން ކުރުމަށްފަހު ސަރުކާރު ބަދަލުވުމަށްފަހުވެސް ފްލެޓް ކޮމިޓީގެ ބޭފުޅުން ޕޯޓަލްއަށް އެކްސެސްވެފައިވާކަމަށް ސާބިތުވާކަމަށާއި، އެގޮތުން 2023، ނޮވެންބަރު 17 އަދި 18 އެ ދެދުވަހުވެސް ޕޯޓަލްއަށް އެކްސެސް ވެފައިވާކަމަށެވެ. އަދި ލިސްޓް އިޢުލާން ކުރުމަށްފަހު 2 ދުވަހުގެ ތެރޭގައި އެއް ސޮފުހާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.