ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓްގެ ކުލީގެ ގޮތުގައި ނިމިދިޔަ ސަރުކާރުން ކަނަޑައަޅައި އާއްމުކުރެއްވި ދާއިމީ ލިސްޓާއެެކު އިއުލާން ކުރެއްވީ 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި، މަހަަކު މަހު 7000 ރުފިޔާއާއި މެއިންޓެނެސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކުގެކުއްޔަކީ 5000 ރުފިޔާއާއި މެއިންޓެނެސް ފީގެގޮތުގައި މަހަކު ނަގާ 1000 ރުފިޔާއެވެ.
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ އަގުތަށް ކަނޑައަޅަން ޖެހޭނީ ދައުލަތުގެ ބަޖެއްޓަށް ބުރަނުވާ އަދި ދެމެހެއްޓެނިވިގޮތަކަށެވެ. އެހެން ނޫންނަމަ އެފަދަ މަޝްރޫޢުތައް ހިންގަން ނަގާ ލޯނު ދައްކަންޖެހޭނީ ސަރުކާރުން ބޮޑެތި އަދަދުތަކުން ސަބްސިޑައިޒްކޮށްގެންނެވެ.
ކުރީގެ ސަރުކާރުން 15 ނޮވެންބަރު 2023ގައި އިއުލާންކުރި ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާމެދު އާންމުންގެ ހުރި ކަން ބޮޑުވުންތަކާއި ގުޅިގެން އެސީސީން އެކަން ބެލުމަށްފަހު ކަމާ ގުޅުންހުރި ސަރުކާރުގެ ވުޒާރާއަށް އެންގި އެންގުންތަކާއި އެއްގޮތަށް ފްލެޓް ލިބުނު މީހުންގެ ލިސްޓް އިވެލުވޭޓުކުރުމުން ޝަރުތުހަމަނުވާ އެތައް ބަޔަކަށް އޭރު ފްލެޓުދީފައިވާކަމާއި އިވެލުވޭޓް ކުރުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު ނިމިދިޔަ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ އެސްކީމްގެ ފްލެޓްތައް ދޭން ނިންމާފައިވާ ކުއްޔަކީ އެމަޝްރޫޢުގެ އަގާ ބަލާއިރު އެންމެ އެކަށޭނަ އަގަކަށް ނުވާކަން ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.
"އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށް، އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓު ލޯނަކުން ކުރާމަސައްކަތެއް މިއީ, ފައިސާ ދެއްކުމަށް ބޭނުންވާ މިންވަރު ސަރުކާރުން ހޯދާނަމަ 3 ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަންޖެހޭ މަހު ކުއްޔަކަށް. 2 ކޮޓަރީގެ ފްލެޓަކުން 9000 ރުފިޔާ ނަގަން ޖެހޭ ކުއްޔަކަށް" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ އިކޮނަމިކް ކައުންސިލުގެ ލަފާގެ މަތިން އެއަގުތަކަށް ބަދަލު ގެންނަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރިން ކަނޑައަޅާފައިވާ އެ އަގުތައް ގަބޫލުނުކުރެވޭ ކަމަށާއި، އެއީ އެންމެ ރަނގަޅަށް، އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ އަލަށް ފާސްކުރި މި އަގުތަކާއެކުވެސް ސަރުކާރުން ގެދޮރުވެރިޔާ މަޝްރޫއަށް ލޯނު ދެއްކުމަށްޓަކައި 100 މިލިޔަނެއްހާ ރުފިޔާ ސަރުކާރުން ސަބްސިޑައިޒް ކުރަންޖެހޭ ކަމަށެވެ.
އިންޑިޔާގެ އެގްޒިމް ބޭންކުގެ ފެސިލިޓީއެއްގެ ދަށުން، ބަޔާސް ކްރެޑިޓް ސްކީމެއްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ގެދޮރުވެރިޔާ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމަންޖެހޭއެއެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި މަޝްރޫޢު ވިހާވެސް އަވަހަށް ނިންމުމަށް ކޮންޓެކްޓަރުންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ.