މި ރަމަޟާންމަހު ގޭބީސީތަކުގެ ފެން ބިލުން އެންމެ މަދުވެގެން %10 ޑިސްކައުންޓެއް ލިބިގެންދާނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ލިމިޑެޓް، އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.
މި ރަމަޟާންމަހު ގޭބީސީތަކުގެ ފެން ބިލާއި ކަރަންޓް ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ ރަމަޟާންމަހު ފެން ބިލުން އާންމު މަހުގެ މިންވަރަށްވުރެ ބޮޑުވާ މިންވަރު ކަސްޓަމަރުންނަށް ޑިސްކައުންޓްގެ ގޮތުގައި ލިބޭނެކަމަށެވެ. އަދި އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހު ފޮނުވާ ބިލްގެ %10 އަށްވުރެ ކުޑަމިންވަރެއްނަމަ %10 އާއި އެއްވަރަށް ޑިސްކައުންޓް މަތިކޮށްދެވޭނެކަމަށެވެ.
އެޕްރީލް 2025 ގައި ފޮނުވާ ބިލް އާންމު މަހުގެ ބިލަށްވުރެ ކުޑަނަމަ ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލްމަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި އާންމު މަހެއްކަމަށް ބަލާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާރޗް އަދި އޭޕްރިލް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރަށްކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
އެފްރީލް މަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި ކުރިން ރަޖިސްޓަރކުރެވިފައިވީނަމަވެސް މިހާތަނަށް ބިލް ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025 އޭޕްރީލް މަހު ފޮނުވާ ބިލްކަމުގައިވާނަމަ އެފަދަ ފަރާތްތަކަށްވެސް ރަމަޟާންމަހުގެ ބިލުން %10 ޑިސްކައުންޓް ލިބޭނެކަމަށް އެމްޑަބްލިއުއެސްސީން ވަނީ ވިދާޅުވެފައެވެ.
ރޯދަ މަހު ބޭނުން ކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށްވުރެ ބިލް ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ރޯދަމަހު ނިންމެވިއެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދިން ފުރަތަމަ ފަހަރެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިޔަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ.