ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި ކުލަބު އީގަލްސް ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ހަ ލަނޑު ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ވާރޭވެހެމުންދަނިކޮށް ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި މާޒިޔާ ކޮޅަށް ޖެހީ ފުރަތަމަ ހާފުގައި ހަވަނަ މިނިޓްގައި އީގަލްސްގެ އަޝްހަމް އިބްރާހީމެވެ.
އެހެންނަމަވެސް ފަހު ހާފު ފަށައިގެން ފަސް ވަނަ މިނިޓުގައި މާޒިޔާއިންވަނީ ގޯލު ޖަހަންފަށާފައެވެ. އީދާން އަހުމަދު މޫސާ ލަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްދިން ފަހުން އަނޫފް އަބްދުﷲ ވަނީ ދެ ލަނޑު ޖަހާ މާޒިޔާއަށް ލީޑް ހޯދައިދީފައެވެ. އޭގެ ފަހުން ނައްސާހް އިބްރާހީމް ނާސިރު ރީތި ގޯލެއް ޖަހައިދީފައިވަނިކޮށް ފަހު ދެ ލަނޑު ޖެހީ މުހައްމަދު އިލާން އިމްރާނެވެ. އޭނާ ވެފައިވަނީ މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.
އިލާން އާއިއެކު މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ އޮޑި ސްޕޯޓްސް ކުލަބުގެ މުހައްމަދު ރަމާލް އާއި މާޒިޔާގެ ކެޕްޓަން އީދާން އަހުމަދު މޫސާ އާއި އަލްސަން އިބްރާހީމާއި އަހުމަދު ހަމީޝް އަރީފް އާއި އަނޫފް އަބްދުﷲ އާއި އީގަލްސްގެ ކެޕްޓަން މުހައްމަދު ޝަމްހާދާއި އަޝްހަމް އިބްރާހީމް މުހައްމަދާއި ޒަހްރާން ހަސަން ޒިޔާދާއި މުހައްމަދު އައިމަން ހަސަން އާއި ޓީސީގެ ނާއިލް ޔޫސުފެވެ.
މި މުބާރާތާއެކު މި އަހަރު އެފްއޭއެމުން ވަނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށާއެކު ޖުމުލަ ހަތަރު މުބާރާތް ބާއްވާފައެވެ.