ޚަބަރު

ވިއްސާރައާ ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ޗީފް އޮފް ޑިފެންސް ފޯސް


  • މާލޭގައި 17 ޕަމްޕެއް ވަނީ ބަހައްޓާފައި

  • މާލޭގެ 458 ވެލި ބަސްތާ ސިފައިން ވަނީ ޖަހައިދީފައި

  • ފެން ހިންދުމުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށްދޭ

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސިފައިންގެ އޭރިއާ ކޮމާންޑުތައް ވަނީ ތައްޔާރީ ހާލަތަށް ގެނެވިފައިވާކަމަަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ ވިއްސާރައާ ގުޅިގެން ދުރާލާ ތައްޔާރުވެ، ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިހާތަނަށް 17 ޕަމްޕެއް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިލްމީ ވިދާޅުވިއެވެ.

"17 ޕަމްޕް ބޭނުންކޮށްގެން މަސައްކަތް ކުރިއަށް އެބަގެންދަން. މިވަގުތާއި ހަމައަށް ބަލާއިރު 5000 ޓަނުގެ ފެން މިވަނީ ބޭރުކުރެވިފައި. އޭގެ އިތުރަށް 58 ގެ ހިމެނޭ ގޮތަށް 458 ވެލިބަސްތާ މިހާރުވަނީ ޖަހައިދީފައި. މާލެއަށް ކުރާ ވިއްސާރައިގެ މި ސަރަހައްދުގެ އެހެން ރަށްތަކަށްވެސް ގެއްލުންވެގެން އަޅުގަނޑުމެން ހަރަކާތްތެރިވާން ފަށައިފިން. " ހިލްމީ ވިދާޅުވިއެވެ.

މާލޭގެ އިތުރުން މާލެ އަތޮޅުގެ 3 ރަށެއްގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކ. ހުރާ، ކ. ހިއްމަފުށި އަދި ގުރައިދޫގައި ހަރަކާތްތެރިވަމުންދާއިރު، ތުލުސްދޫއަށްވެސް އެހީވުމަށް މިހާރު އެމްއެމްއެންޑީއެފް ޓީމުތައް ދަތުރުކުރަމުންދާ ކަމަށް ހިލްމީ ވިދާޅުވިއެވެ. ހިލްމީ ވިދާޅުވީ ސިފައިން ތިބީ އަތޮޅު ތެރޭގައިވެސް ކަމެއް ދިމާވާ ހާލަތެއްގައި އިޖާބަ ދިނުމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން އޭރިއާ ކޮމާންޑްތައް އެކްޓިވޭޓްކުރެވިފައިވާކަން ހިލްމީ ވަނީ ފާހަގަކުރައްވާފައެވެ.

ސިފައިންގެ ބަހާއެއްގެ ގޮތުގައި ހިންގަމުންދާ ކޯސްޓް ގާޑުވެސް ކަނޑުމަތީގެ ހާދިސާތަކަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. ޗީފް އޮތް ޑިފެންސް ފޯސް ވިދާޅުވީ، މިހާތަނަށް ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ރިޕޯޓްކޮށްފައި ނުވިނަމަވެސް، މޫސުމާބެހޭ އިދާރާއިން ދޭ އިރުޝާދުތަކަަށް ސަމާލުވާން ޖެހޭކަމަށެވެ. އަދި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާވުމަށް ހިލްމީ އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް މޫސުމާބެހޭ މައުލޫމާތު އަދާހަމަކޮށްފައި، މިކަހަލަ ކަމެއްގައި އަބަދުވެސް ދުރާލާ ތައްޔާރުވެ ތިބެން. ރައީސްވެސް އިރުޝާދު ދެއްވާފައި އޮންނަނީ ދުރާލާ ތައްޔާރުވެ ތިބުމަށް. އެހެންވީމަ އަޅުގަނޑުމެން ރައްޔިތުނަށް ޚިދުމަތް ދިނުމަށް ދުރާލާ ތައްޔާރުވެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަން. " ހިލްމީ ވިދާޅުވިއެވެ.

މާލެ އެކި އެކި ސަރަހައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ. އެގޮތުން އަލަށް ތަރައްޤީކުރެވުނު ވަގުތީ ފެން ހިންދާ ނިޒާމުވެސް ބޭނުންކޮށް އަދި އިތުރު ހޮޅިތައްވެސް އަޅައިގެން ފެން ހިންދުމަށް އެމްއެއެންޑީއެފްއިން މަސައްކަތް ކުރަމުންދާކަމަށް އެ މުޢައްސަސާއިން ވިދާޅުވެއެވެ.