ޚަބަރު

ގަދަ ވިއްސާރައާއި ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ކަނޑައަޅުއްވައިފި


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވޫީ، މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ 2 މާރިޗް 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށުގެ ގޭގެއަށް ވަނީ ފެންވަދެފައެވެ. އަދި ބައެއް ގޭގެއިން މީހުން ވަނީ ބަދަލުކޮށްފައެވެ.

ސަރުކާރުން އަންނަނީ ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

ވިއްސާރާގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ކަމާ ގުޅުންހުރި ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.