މި ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން 160 މިލިޔަން ރުފިޔާ ޚަރަދުކުރައްވާނެކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި ރޯދަމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި އެކަން ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިޢުލާން ކުރައްވާފައެވެ.
ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މިދިޔަ އަހަރުން ފެށިގެން އެކިއެކި އިނާޔަތްތައް ރައްޔިތުންނަށް ހަމަޖައްސައިދެއްވަމުންނެވެ. އެގޮތުން ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަކީ މިގޮތުން ކުރައްވާ އެއް މަސައްކަތެވެ. މިއަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ 130 މިލިއަން ރުފިޔާ އެކަމަށް ޚަރަދު ކުރައްވާފައެެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ ރަމަޟާން މަހަކީ ޢާންމު މަސްތަކަށްވުރެ ކުރާ ޚަރަދުތައް އިތުރުވާ މަހަކަށްވުމުން، ރައްޔިތުންގެ އަތުން ހިންގާ ޚަރަދުތައް ކުޑަކުރެެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އެގޮތުން ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް އެ މަޤުޞަދަށްޓަކައިކަން ޑރ. މުއާވިޔަތު ފާހަގަކުރެއްވިއެވެ.
ޑރ. މުއާވިޔަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކަރަންޓާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދެއްވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވާނެކަމަށެވެ. އެގޮތުން މިއަހަރު މިކަމަށް 160 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރައްވާނެކަމަށް ޑރ. މުއާވިޔަތު ވިދާޅުވިއެވެ.
"ކުރީގެ މަސްތަކަށް ބަަލައި އެވްރެޖްކޮށް ބިލަށް ޖެހޭ ވަރަށްވުރެ ބޮޑު ވާ ނަމަ އެ ބޮޑުވާ ބައި ޑިސްކައުންޓްގެ ތެރެއިން ކަވަރު ކޮށްދޭނެ. ކޮންމެ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުންވެސް މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ." ޑރ. މުއާވިޔަތު ވިދާޅުވިއެވެ.
ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ ކޮންމެ ފަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް ކަރަންޓު ޚަރަދު ބޮޑު އާލަތްތައް ބޭނުންކުރާ މިންވަރު އިތުރުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު ނިމުމެއް އަންނާނެކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
"ރޯދަ މަހުގައި ގޭތެރޭގައި ހޭދަކުރާ ވަގުތު އިތުރުވޭ. ކޮމްފޯޓް ޒޯނެއްގައި ތިބުމަށްޓަކައި އޭސީ ބޭނުންކުރެވޭ. މިކަންކަމުގެ ސަބަބުން އަތުވެދާނެ ތަކުލީފަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ރަމަޟާން މަހު ބޭނުންކުރާ ކަރަންޓަށް ޑިސްކައުންޓެއް ދިނުމަށް ނިންމާފައި އެ ވަނީ." އަޙްމަދު ޢަލީ ވިދާޅުވިއެވެ.
ރޯދައާ ދިމާކޮށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމެވުމުގެ އިތުރުން ރައްޔިތުންކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއްވެސް ހަދިޔާކުރައްވާފައެވެ. އަދި ސަރުކާރުން ގެންދަވަނީ ކާބޯތަކެތީގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. މީގެއިތުރުން އާއިލާއާއި އަޅުކަމަށް ވަގުތު ޚާއްސަކޮށްދެއްވުމުގެ ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ސަރުކާރުން ދެއްވާފައިވާ ހަދިޔާތަކާއި އިނާޔަތްތަކާއެކު ރަމަޟާން މަހާއި ދިވެހިން މިހާރު ބައްދަލުކުރަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއެކުއެވެ.