ޚަބަރު

"ހުވަން" ލޯންޗު އަޑިއަށްދިޔަ ހާދިސާ: ސީޕީގެ ޝުކުރު ފުލުހުންނަށް


  • މި ލޯންޗްގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރުކުރި

  • ސީޕީ ވަނީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައި

މަހިބަދޫ އާއި ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ޝުކުރު އަދާކުރައްވައިފިއެވެ.

ދިގުރަށަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރުކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:57 ގައެވެ.

ކޮމިޝަނަރ ޝުޖާޢު ވިދާޅުވީ ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވާކަމަށާއި އަދި އެ މަސައްކަތާމެދު ފަހުރުވެރިވާކަމަށެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަންގެ ނާޒުކުކަން ފާހަގަކުރައްވައި، ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ވިދާޅުވީ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ އަވަސް ނިންމުންތަކަކީ އެފަރާތްތަކުގެ ތައްޔާރީ އަދި އިހުލާސްތެރި މަސައްކަތުގެ ހެއްކެއްކަމުގައެވެ.

ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން ވަނީ 4 ކުޑަކުދިން ހިމެނޭ ގޮތަށް އުޅަނދުގައި ތިބި 48 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު މި އޮޕަރޭޝަންގެ ކޯޑިނޭޝަން ވަރަށް ރަނގަޅަށް ގޮސްފައިވާކަން ފާހަގަކުރައްވައި، މަސައްކަތަށް ތައުރީފުކުރައްވާފައެވެ.

މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، ކަނޑުވި މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗުގެ މަސައްކަތް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރ އެ ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.