ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލް ކުޅޭ ޓީމުތައް ކަށަވަރުވެއްޖެއެވެ.
އެގޮތުން ނިއުޒިލެންޑް އަތުން 44 ލަނޑުން މޮޅުވުމާއެކު މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ ވާދަކުރަން ޖެހުނީ ގްރޫޕް ބީގެ ދެވަނަ ޓީމު އޮސްޓްރޭލިއާއާއެވެ. ނިއުޒިލެންޑް ވާދަކުރަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ދެކުނު އެފްރިކާއާއެވެ.
ސެމީ ފައިނަލް މެޗުތައް މި ގޮތަށް ކުޅެން ޖެހުމުން އެންމެ ބޮޑަށް އުނދަގޫ ވެފައިވަނީ ނިއުޒިލެންޑާއި ދެކުނު އެފްރިކާ އަށެވެ. މި ދެ ގައުމަށް ވެސް މިހާރު ޖެހިފައިވަނީ މެޗު ކުޅެން ޕާކިސްތާނުގެ ލާހޯރަށް އެނބުރި އަންނަން ޖެހިފަ އެވެ. ނިއުޒިލޭންޑާއި އިންޑިޔާ މެޗު ކުޅުނީ ދުބާއީގަ އެވެ. ސެމީ ގައި އިންޑިޔާއާ ވާދަކުރަން ޖެހިދާނެ ކަމަށް ބަލާފައި ދަނޑަށާއި މާހައުލަށް ފަރިތަވުމުގެ ގޮތުން ދެކުނު އެފްރިކާ ވެސް އެއިރު ތިބީ ދުބާއީ އަށް ގޮހެވެ.
މި ދެ ގައުމަށް ޕާކިސްތާނުގެ ގައްދާފީ ސްޓޭޑިއަމުގައި ކުޅެން އަންނަ ޖެހުމުން ދަތުރުފަތުރުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. ޓީމުތަކަށް މިދަތިކަން އިހުސާސް ކުރަން ޖެހިފައިމިވަނީ މުބާރާތް ޕާކިސްތާނުގައި ބޭއްވި ނަމަވެސް އިންޑިޔާގެ ހުރިހާ މެޗެއް ދުބާއީގައި ކުޅެން ހަމަޖައްސާފައިވާތީ އެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މި ގޮތަށް މިކަން ނިންމީ އިންޑިޔާގެ ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވަން ނިންމާފައިވާތީ އެވެ. މިހެންވެ ގްރޫޕް ސްޓޭޖުގައި އިންޑިޔާއާ ދެކޮޅަށް ކުޅެން ހުދު ޕާކިސްތާން ވެސް ޖެހުނީ ދުބާއީ އަށް ދަތުރުކުރާށެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު އޮންނާނީ އަންގާރަ ދުވަހު ދުބާއީގަ އެވެ. އެއީ އިންޑިޔާ އާއި އޮސްޓްރޭލިޔާ ކުޅޭ މެޗެވެ. ނިއުޒީލޭންޑާއި ދެކުނު އެފްރިކާ ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު އިންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. އިންޑިޔާ ފައިނަލަށް ނުގޮސްފިނަމަ ފައިނަލް މެޗު ކުޅޭނީ ޕާކިސްތާނުގަ އެވެ.