ކުޅިވަރު

ރޮނާލްޑޯ ނުލައި ކުޅުނު މެޗުން އަލް ނަސްރު އެއްވަރު


އޭޝިއަން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ސައުދީ އަރަބިއްޔާގެ އަލް ނަސްރުން އިރާނުގެ އިސްތިގުލާލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. ރޭ ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗަށް އެކުލަވާލި ސްކޮޑުގައި އަލް ނަސްރުގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ. މި މެޗަށް ރޮނާލްޑޯ ނުގެންދަން ނިންމީ 2023 ވަނަ އަހަރު އިރާނަށް ކުރި ދަތުރުގައި ދިމާވި ހާދިސާއަކާ ގުޅިގެންނެވެ. އިރާނުގެ ޕާސޯ ޕޮލިސްއާ ދެކޮޅަށް ކުޅެންދިޔަ ދަތުރުގައި އަލް ނަސްރު ޓީމު ތިބި ހޮޓަލުގައި އިރާނުގެ ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުރެހުންތެރިއަކާ ރޮނާލްޑޯ ބައްދަލުކުރިއެވެ.

އެ ހޮޓަލުގެ ލޮބީގައި މީޑިއާތަކުގެ ކުރިމަތީގައި ބޭއްވި ޕްރޮމޯޝަނަލް އިވެންޓްގައި ރޮނާލްޑޯ ވަނީ ކުރެހުންތެރިޔާ ފާތިމާ ހަމާމީ ނަސްރަބާދީއާ ބައްދަލުކޮށް އޭނާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު، ބައްދާލާފައެވެ. ނަސްރަބާދީ އަކީ އާއްމުކޮށް އޭނާގެ ފައި ބޭނުންކޮށްގެން ފުޓްބޯޅަ ކުޅުންތެރިން ފޮޓޯ ކުރަހައި އުޅޭ އާޓިސްޓެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ފައިން ކުރަހައި އުޅޭތީއެވެ.

ރޮނާލްޑޯގެ މި އަމަލަކީ އިރާނުގެ ގާނޫނުގައިވާ ގޮތަށް 99 އެތިފަހަރުން ދުއްރައިން ތަޅައި އަދަބުދެވިދާނެ އަމަލެކެވެ. އެހެންކަމުން މި މެޗާ ދިމާކޮށް އިރާނުން މި މައްސަލަ ފެންމަތިކޮށް, ގާނޫނު ތަންފީޒުކުރަން އުޅެފާނެ ކަމުގެ ބިރު އޮތުމުން ރޮނާލްޑޯ ޓީމުން އުނިކުރީ ކަމަށް އަލް ނަސްރުން ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗު އެއްވަރުވެފައިވާއިރު، މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު ސައުދީގައެވެ.