ޚަބަރު

ޕާކިސްތާނާއި އަފްޣާނިސްތާންގެ ސިފައިން ޙަމަލާތަކެއް ބަދަލުކޮށްފި


ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި، ދެ ޤައުމުގެ ސިފައިންގެ މެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި އެކަކު މަރުވެ، އިތުރު ދެ މީހުން ޒަޚަމުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ދެ ޤައުމު ގުޅޭ ތުރްޚަމް ސަރަޙައްދީ ހުރަސް ކައިރީގައެވެ. މި ހާދިސާގައި މަރުވެފައި ވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުގެ ސިފައިންގެ މީހެކެވެ.

ދާދިފަހުން ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ތުރްޚަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު ސަރަޙައްދީ ހުރަހެވެ. ޕާކިސްތާނުން ހުސްވި މަހު އެ ސަރަޙައްދީ ހުރަސް ބަންދު ކޮށްފައި ވަނީ، އަފްޣާނިސްތާނުން އެ ސަރަޙައްދުގައި އައު ސަލާމަތީ ޕޯސްޓެއް ޤާއިމު ކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ. ޙަމަލާ ބަދަލު ކުރުންތަކުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުގެ ސިފައިންގެ މީހަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމުވެފައިވާ ކަން އެ ޤައުމުގައި ވެރިކަން ކުރާ ޠާލިބާނުންގެ ދާޚިލީ ވުޒާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި ހާދިސާގައި ޕާކިސްތާނުގެ ސަަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ ބަޔަކު ޒަޚަމުވެފައިވާ ކަން އެ ޤައުމުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ވެސް ކަށަވަރު ކޮށްދީފައިވެއެވެ. ދެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ މެދުގައި ޙަމަލާ ބަދަލު ކޮށްފައި މި ވަނީ، ރަމަޟާން މަހު ސަރުކާރު އޮފީސްތައް ހުޅުވި ފުރަތަމަ ދުވަހުއެވެ.

ރަމަޟާން މަހަކީ، ޕާކިސްތާނުން އަފްޣާނިސްތާނަށް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރާ މަހެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި ޙަަމަލާ ބަދަލު ކުރަން ފެށުމާ އެކު، ދެ ޤައުމުގެ ދެމެދުގައި މުދާ އުފުލުމަށް ހުރަސް އެޅުނެވެ. މިއާ އެކު، ސަރަޙައްދީ ރޮނގުގެ ދެ ފަރާތުގައި ކާބޯތަކެތި ބަރު ކޮށްފައިވާ 5,000ށްވުރެ ގިނަ ލޮރީ ވަނީ ތާށިވެފައެވެ.

މިއީ، އަފްޣާނިސްތާނުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ދަތިކަން އެތަކެއް ގުނައަކަށް ގޯސްވެގެންދާނެ ހާދިސާއެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެކުވެރި ދައުލަތްތައް (އދ)ން ބުނީ، އަފްޣާނިސްތާނުގައި ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންގެ އަދަދު އެތަކެއް މިލިޔަނަކަށް އަރާ ކަމުގައެވެ. އަދި، އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި އިންސާނީ އެހީއަށް ބޭނުން ޖެހިފައިވާ ކަމުގައި ވެސް އދން ހާމަކޮށްފައިވެއެވެ.

މިއީ، އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ މެދުގައި ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކެއް ހިނގުމާ ގުޅިގެން ތުރްޚަމްގެ އިތުރުން ހުޅަނގުދެކުނު ޝާމަން ސަރަޙައްދީ ހުރަސް ބަންދު ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2023ވަނަ އަހަރުގެ ޑިސެންބަރު މަހު، ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން އަފްޣާނިސްތާނުގެ ސަރަޙައްދަށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީފައިވެއެވެ. އަދި، އެ ޙަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ޚާރިޖީ ގުޅުން ގޯސްވިއެވެ.

ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އެ ޤައުމުގައި ދޭ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބީ އަފްޣާނިސްތާން ޙިމާޔަތާއި ރައްކާތެރި ކަން ފޯރުކޮށްދޭ ހަތިޔާރު އެޅި އަދި ނިރުބަވެރި ޖަމާޢަތްތަކެވެ. ނަމަވެސް، އަފްޣާނިސްތާނުން މި ތުހުމަތު ދޮގު ކުރެއެވެ. ޠާލިބާނުންގެ ދާޚިލީ ވުުޒާރާގެ ތަރުޖަމާނު ޢަބްދުލް މަތީން ޤާނީ ބުނީ، މާރިޗު 3ވަނަ ދުވަހު ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ޕާކިސްތާނުގެ ސިފައިން އިސްވެ ޙަމަލާ ދިނުމުން ކަމުގައެވެ.

ނަމަވެސް، ޕާކިސްތާނުން ވަނީ މި ތުހުމަތު ދޮގު ކޮށްފައެވެ. އެ ޤައުމުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އިސްވެ ޙަމަލާ ދީފައި ވަނީ ޠާލިބާނުން ކަމުގައެވެ. އަދި، ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސަރަޙައްދީ ރޮނގުގައި ހުރި ސިފައިންގެ ޕޯސްޓަކަށް ކަމުގައެވެ.

ތުރްޚަމް ސަރަޙައްދީ ހުރަސް ބަންދު ކުރުމާ ގުޅިގެން ޕާކިސްތާނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމުގައި އެ ޤައުމުގެ ޚައިބަރް ޕްރޮވިންސުގެ ވިޔަފާރިއާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އެ އިދާރާގެ ރައީސް ޔޫސުފް އުފްރީދީ ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ކާބޯތަކެތި އެކްސްޕޯޓު ކުރުމަށް ހުރަސްއެޅި، މިހާތަނަށް 15 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމުގައެވެ.

އަފްޣާނިސްތާނުގެ ނަންދަރްހަރްގެ ވިޔަފާރިއާ ބެހޭ އިދާރާއިން ވެސް ބުނީ، ސަރަޙައްދީ ރޮނގު ބަންދު ކޮށްފައި އޮންނަ ކޮންމެ ދުވަހަކު ލިބޭ ގެއްލުމުގެ އަގު 500,000 އެމެރިކާ ޑޮލަރަށް އަރާނެ ކަމުގައެވެ. 2024ވަނަ އަހަރު އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތުގެ އަގު 1.6 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ހިއްސާ ކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެެއެވެ.