ރަމަޟާން މަހަކީ ބަރަކާތުގެ މައްސަރެވެ. ދީނީގޮތުންނާއި ސިއްޙީ ގޮތުން ބޮޑެތި ހެޔޮ ބަދަލުތައް ގެނައުމުގެ މައްސަރެވެ. ނޭދެވޭ އާދަތަކާއި ދުރަށް ދިޔުމުގެ މައްސަރެވެ. މިގޮތުން މިއީ ހަށިގަނޑުވެސް ރީސްޓަރޓްކޮށްލާ މަހެއްގެ ގޮތުގައި ސިއްޙީ މާހިރުން ދެކިލައްވައެވެ. ހެލްތު ސެގްމަންޓްގައި މިފަހަރު ބަލާލާނީ އާދަތައް ބަދަލުކުރުމުގައި މިމަހުގެ ސިއްރަށެވެ.
ރަމަޟާން މަހަކީ މީހާގެ ނަފްސަށް ހެޔޮ ބަދަލު ގެނައުމަށް އެންމެ ފަސޭހަ މައްސަރުކަން މިއީ ދިރާސާތަކުން ހާމަވެފައިވާ ހަގީގަތެެކެވެ. މިކަން މިގޮތަށް މެދުވެރިވާ ސަބަބުތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، އިންސާނުންގެ އާދަތައް ހުންނަ ގޮތުން ދެތިން ހަފްތާއަށް، ކޮންމެ ދުވަހަކުވެސް އެއްކަންތައްތަކެއް ތަކުރާރުކުރެވޭނަމަ އެއީ ޢުމުރަށް ގެނެވޭ ބަދަލަކަށް ހެދުމުގެ ފުރުޞަތު ބޮޑުވާކަމަށެވެ. މިގޮތަށް މަސައްކަތްކުރުމުގައި އެގޮތަށް ވިސްނުން ބައްޓަންކޮށް އެ އަމާޒުގައި މަސައްކަތްކުރެވޭނަމަ އެކަން ފަސޭހަވެގެންދާކަން ޑރ. މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ.
ހަށިގަނޑަށް ބަލާއިރު ރަމަޟާން މަހު ކެއިންބުއިމަށް ގެންނަ ބަދަލުތަކާއެކު ގޮހޮރުގައި ހުންނަ ބެކްޓީރިއާތަކާއި ބަލިތައް ފަސޭހަވުމަށް ވަގުތު ލިބޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަނގަޅު ޕްލޭނަކާއެކު މަސައްކަތްކުރެވިއްޖެނަމަ މި 30 ދުވަހުގެ ތެރޭގައި ހަށިގަނޑު ރީސްޓަރޓްކޮށްލުމަށްފަހު އެކަން ދެމެހެއްޓުމަށް އާދަކުރެވިދާނެކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
"އެހެންކަމުން ކެއުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލާއެކީގައި އަހަރުމެންގެ ގޮހޮރުގެ ސައިޒު އަސްލު ކުޑަވާންޖެހޭނެ. ދެން ރޯދަ ނިންމާފައި ޢީދު ދުވަހު ގިއްކިޔާފައި ނުކާނަމަ ކެއުންވެސް މަދުކޮށްލެވޭނެ." ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ، ރަމަޟާން މަހު ކެއުމަށް ގެންނަ ބަދަލުތަކަކީ ރަނގަޅު ބަދަލަކަށް ހަދާ، އެގޮތުގައި މި 4 ހަފްތާ ވޭތުކުރެވިއްޖެނަމަ އެކަން އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ހޭދަކުރުމަކީ ދަތިކަމަކަށް އިންސާނާގެ ހަށިގަނޑަށް ނުވާނެކަމަށެވެ.
އެގޮތުން ރޯދައިގެ ކުރިން ބަތް ކެއުމުގައި 3 ސުވާ ބަތް އަޅާނަމަ 2 ސުވާއަށް އަދި މަސް ހިމަނާ މިންވަރުވެސް ކުރިއަށްވުރެ މަދުކުރެވިދާނެކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރަމަޟާން މަހުގެ ރޭގަނޑު ކެއުމަށްފަހު އަޅުކަމުގައި ވަގުތު ހޭދަކުރުމަށްފަހު ނިދާ ނިދުމަކީވެސް ހަށިގަނޑަށް ރަނގަޅުކަމެއްކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ ގަޑިއަކު ކެއިނަމަވެސް ކެއުމަށްފަހު 1 ގަޑި ނުވަތަ 2 ގަޑިއިރު ނުނިދާ މަޑުކުރުމަކީ ދުޅަހެޔޮކޮށްކުރުމަށް މުހިއްމުކަމަކަށްވާއިރު މިއާދަވެސް މިމަހުގައި އަށަގެންނެވިދާނެއެވެ.
ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ރޭގަނޑު ގިނައިން ފެން ބޯން ސަމާލުކަންދޭގޮތަށް މިމަސް ނިމުމުންވެސް އެކަން ދެމެހެއްޓުމަށް ސަމާލުވެވިދާނެކަން ޑރ.މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރަމަޟާން މަހު އޮފީސް މަސައްކަތުގެ ގަޑިތައް މަދުވުމާއި ޗުއްޓީގެ ސަބަބުން ގޭގައި ލިބޭ ވަގުތު އިތުރުވުމަކީ، ގޭގައި ކަސްރަތުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ލިބޭ ލުޔެއްކަން ޑރ. މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރަމަޟާން މަހަށްފަހުވެސް މިއާދަތައް ހިފެހެއްޓުމަށް މަސައްކަތްކުރެވިދާނެކަމަށް ވިދާޅުވިއެވެ.